ކުޅުދުއްފުށި ސިޓީގައި އިތުރު ވޯޓު ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އީސީއިން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގައި ކުޅުދުއްފުށި ސިޓީއަށް ވޯޓުލާ މަރުކަޒެއް އިތުރު ވެފައިވާކަމަށެވެ.

Ad
rt

އެގޮތުން ކުޅުދުއްފުށީގައި ވޯޓުފޮށި ބަހައްޓަން ނިންމާފައިވަނީ ޔޫތް ސެންޓަރުގައެވެ. މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށި ސިޓީއަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. ވޯޓުފޮށީގެ ނަމަކީ "ކުޅުދުއްފުށި އެހެނިހެން-1" އަދި ކޯޑަކީ569 އެވެ. ވޯޓުފޮށީގެ ނަންބަރަކީ B9-6.3 އެވެ.

މީގެ އިތުރުން އީސީ އިން ކުރި އިޢުލާނުގައިވަނީ ފުވައްމުލައް ސިޓީއަށްވެސް ވޯޓު ފޮއްޓެއް އިތުރުކޮށްފަ އެވެ. އެގޮތުން ފުވައްމުލައް ސިޓީއަށް ރަޖިސްޓްރީކުރާ އެހެނިހެން ދިވެހި ރައްޔިތުން ވޯޓުލުމަށް ބެހެއްޓި މި ފޮށި ހުންނާނީ ހާފިޒް އަޙްމަދު ސްކޫލް ހޯލް ގަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3،934 ކެނޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ހާމަކުރައްވާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އިންތިޚާބު ބާއްވާއިރު، ބަހައްޓާނެ ވޯޓް ފޮށީގެ ޢަދަދުވެސް އިތުރުވެފައިވާކަމަށެވެ. އެގޮތުން ކުރިން އިންތިޚާބުގައި ބަހައްޓަން ނިންމީ532 ވޯޓް ފޮށިކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު އިތުރުވެ 735 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް އީސީން ވަނީ ވިދާޅުވެފައެވެ. އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި، ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓާނެކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެ ޤައުމެއްގައި ވޯޓް ފޮށި ނުބެއްހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށެވެ. އެގޮތުން މެލޭޝިއާގައި ބެހެއްޓުމަށް ނިންމި 2 ވޯޓް ފޮށްޓާއި، އިނގިރޭސވިލާތުގައި ބަހައްޓަން ނިންމި ވޯޓް ފޮށި ނުބެހެއްޓޭނެކަން ޔަޤީންކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ވޯޓްލާ މަރުކަޒުތަކުގައި 10،000އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އެހާ ގިނަ ޢަދަދެއްގެ އޮފިޝަލުން ބައިތިއްބަން ނިންމީ އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް އިންތިޚާބު ކުރިއަށް ގެންދިއުމަށްކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.