މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެމްސީން މިއަދު ކުރި ޢިއުލާނެއްގައި ބުނީ އެ ކައުންސިލުން ދެމުންއަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާ ކަމަށެވެ.
މިގޮތުން ބާރަ ދާއިރާއަކުން އިނާމް ދިނުމަށް ހަމަޖައްސައި، އެ ދާއިރާތައް ވެސް އެ ކައުންސިލުން ވަނީ ހާމަ ކޮށްފައެވެ.
އެ ދާއިރާ ތަކަކީ:
- ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)،
- ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ ދާއިރާ،
- ސިޔާސީ ދާއިރާ،
- ޝަރުއީ އަދި ޤާނޫނީ ދާއިރާ،
- ވިޔަފާރިއާއި އިޤުތިޞާދު ދާއިރާ،
- ކުޅިވަރު ދާއިރާ، ފޮޓޯ ޖާރނަލިޒަމް،
- ވީޑިއޯ ޖާރނަލިޒަމް،
- އޯޑިއޯ ޖާރނަލިޒަމް،
- ނިއުސް ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ،
- ފީޗަރ ރިޕޯޓް
- އެންމެ އުންމީދީ ނޫސްވެރިޔާ
މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2021 މާރިޗް 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ފޯމު ހުށަހެޅުމަށް މީޑިއާ ކައުންސިލްއިން ވަނީ އެދިފައެވެ.
މީގެއިތުރުން މިއިނާމްތައް ދިނުމަށް ނޫސްވެރިން ހޮވުމުގައި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ވެސް މިއަދު ވަނީ އެ ކައުންސިލުން އާއްމުކޮށްފައެވެ.
އެމްއެމްސީން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފުލާގެ ތެރެއިން 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމް ލިބުނު ނޫސްވެރިންނަށް އިނާމްތައް ދިނުމުގެ ހަފްލާ ބާއްވާފައި ވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހުގެ ރެޔެވެ. އެ ހަފްލާގައި 11 ދާއިރާއަކުން ނޫސްވެރިންނަށް ވަނީ އިނާމް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!