މަކުނުދޫ ދާއިރާގެ މެންބަރުގެ މުޙައްމަދު ރާޢީގެ ބުރަ މަސައްކަތާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ މަކުނުދޫ ދާއިރާގެ ރަށްތަކުގައި މިހާރު ފެށިފައިކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމްޑީޕީއިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ''ރަށްވެހި ފަތިސް''ކެމްޕެއިންގެ ދަށުން، ކުމުންދޫ ކައުންސިލަށާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލި ކެނޑިޑޭޓުންނާއި ބައްދަލު ކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، މެންބަރު، މުޙައްމަދު ރާޢީ ކެނޑިނޭޅި ދަނީ ދާއިރާގެ ކަންކަން ކުރުމަށް މަސައްކަތް ކުރަށްވަމުން ކަމަށެވެ. އަދި ޚާއްޞަކޮށް ކުމުންދޫ ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކުރެއްވުމަށް ރާޢީ ވަރަށް ބުރަ މަސައްކަތެއް ކުރަށްވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

''މިދާއިރާގެ ޚާއްޞަކޮށް ކުމުންދޫގެ މާގިނަ މަސައްކަތްތަކެއް ފުރަމަ އަހަރުތެރެއަކު އަޅުގަނޑުމެންނަކަށް ނުކުރެވުނު، އެހެން ނަމަވެސް ދާއިރާގެ މެންބަރުގެ ވެސް ވަރަށް ބުރަ މަސައްކަތާއެކީގައި މިއަދު މިވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުމުންދޫގައާއި ޚާއްޞަކޮށް މިދާއިރާގައި، މަކުނުދޫ ދާއިރާގައި ވަރަށްގިނަ ރަށްތަކުގައި ފެށިފައި، އިރާދަ ކުރެއްވިއްޔާ، މެންބަރުވެސް އެންމެ މުހިންމު ކަމެއް ކަމަށް އަބަދުވެސް ކުރަމުންދިޔަ އެއްކަމަކީ ބަނދަރުގެ މައްސަލަ، އެތަނަށް ދޯނި ފަހަރު ބަންޑުން ޖެހުމާއި ވަރަށް ވަރަށް ދަތިކޮށް އޮތްކަމެއް، އެހެންވީމަ އަޅުގަނޑުމެން އިސްކަންދީގެން މިހާރުވަނީ ފުރަތަމަ ކުއާޓާގައި މަސައްކަތްފެށުމަށް ހަވާލުކުރެވިފައި'' ރައީސް ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ ރަށްތަކުގައި މަޝްރޫޢުތައް މިހާރުވެސް ހިނގަމުންދާއިރު، އިތުރު އާ މަޝްރޫޢުތައް ވަނީ މިއަހަރުގެ ބަޖެޓްގައި ވެސް ހިމެނިފައެވެ.