އިޓާލިއަން ސީރިއާ އޭގައި ވެރޯނާއާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވެ، ޖެހިޖެހިގެން ދިހަވަނަ ފަހަރަށް ލީގު ހޯދުމަށް ޔުވެންޓަސް ކުރަމުން އަންނަ މަސައްކަތައް އިތުރު ހުރަސްތަކެއް ކުރިމަތި ވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ވެރޯނާގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
ޔުވެންޓަސްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ އެ ޓީމުންނެވެ. ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ފެޑްރިކޯ ޗިއޭސާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ މި ސީޒަންގައި ސީރިއާ އޭގައި ކާމިޔާބުކުރި 19 ވަނަ ލަނޑެވެ. މިވަގުތު ލަނޑު ލިސްޓްގެ އެއްވަނާގައި ވެސް އޮތީ ރޮނާލްޑޯއެވެ.
ބައިކޮޅަށް ވަތް ލަނޑާއިއެކު ވެރޯނާއިން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މިގޮތުން މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މިޑްފީލްޑަރ އެންޓޯނިން ބަރަކްއެވެ.
މި މެޗުން އެއްވަރު ވުމުން ޔުވެންޓަސްވަނީ މިވަގުތު ލީގުގެ އެއްވަނާގައި އޮތް އިންޓަ މިލާނަށް ވުރެ ހަތް ޕޮއިންޓް ފަހަތަށް ވެއްޓިފައެވެ. އާދީއްތަ ދުވަހުގެ ރޭ އިންޓަ މިލާނާއި ގެނޯއާ ބައްދަލުކުރާ މެޗު އިންޓައިން ކާމިޔާބު ކޮށްގެން މި ފަރަގު ދިހަ ޕޮއިންޓަށް އިތުރު ކުރުމުގެ ފުރުޞަތު އިންޓައަށް މިހާރުވަނީ ތަނަވަސް ވެފައެވެ.
ޔުވެންޓަސް މިވަގުތު ލީގުގެ ތިންވަނާގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 46 ޕޮއިންޓާއި އެކުގައެވެ. ވެރޯނާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ނުވަ ވަނާގައެވެ. އެ ޓީމަށް 24 މެޗުން ލިބިފައިވަނީ 35 ޕޮއިންޓެވެ. ޕޮއިންޓް ތާވަލުގެ ދެވަނާގައި މިވަގުތު އޮތީ 23 މެޗުން 49 ޕޮއިންޓް ހޯދައިގެން އޭސީ މިލާނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!