ރާއްޖެއިން ވެކްސިން ޖެހި ޖުމްލަ މީހުންގެ އަދަދު 90,865 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނީ މިއަދު 5,755 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވާކަމަށާއި ވެކްސިން ޖެހި މީހުންގެ ތެރެއިން 3,123 މީހުންނަށް ވެކްސިން ޖަހާފައިވަނީ ގްރޭޓަރ މާލެ އޭރިއާއިން ކަމަށެވެ. މީގެ އިތުރުން 2,632 މީހެއްގެ ގަޔަށް ވެކްސިން ޖަހާފައިވަނީ އަތޮޅު ތެރެއިންކަމަށެވެ.

Ad
rt

ވެކްސިންގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ 178 ސެންޓަރެއްގައެވެ. އެއީ ގްރޭޓަރ މާލޭގެ 9 ވެކްސިނޭޝަން ސެންޓަރަކާއި އަތޮޅުތެރޭގެ 169 ވެކްސިނޭޝަން ސެންޓަރަކުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުންގެންދަނީ އިންޑިއާގެ ސަރުކާރުން ހަދިޔާކޮށްފައިވާ "ކޮވިޝީލްޑް" ވެކްސިންގެ 200،000 ޑޯޒެވެ. މި ވެކްސިންގެ އިތުރުން ޗައިނާގެ ސައިނޯފާމް އިން އުފައްދާފައިވާ ވެކްސިންގެ 10,000 ޑޯޒްވެސް ރާއްޖެއަށް ލިބިފައިވެއެވެ.

ވަރަށް އަވަހަށް ސައިނޯފާމްގެ 100،000 ޑޯޒްވެސް ރާއްޖެ ގެނެވޭނެކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ވިދާޅުވެފައެވެ. މި ވެކްސިނަށް އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އަދި ހުއްދަ ދީފައެއް ނުވެއެވެ. އޭގެއިތުުރުން އޮކްސްފޯޑް ވެކްސިންގެ 700،000 ޑޯޒް ސަރުކާރުން ގަނެފައިވެއެވެ.

ރާއްޖޭގައި ވެކްސިން ދޭން ފެށިތާ 3 ހަފްތާވަނީ ވެފައެވެ. ކޯވިޑް ވެކްސިން ފުރަތަމަ ފްރަންޓް ލައިންގައި މަސައްކަތްކުރާ މީހުންނަށް ދިންނަމަވެސް މިހާރު އަންނަނީ އުމުރުން 18 އަހަރުން މަތީގެ ހައިިރސްކް މީހުންނަށްވެސް ވެކްސިން ފޯރުކޮށްދެމުންނެވެ. އަދި އުމުރުުން 25 އަހަރުން މަތީގެ އެންމެނަަށް ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނަށްވެސް ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ 8 ހަފްތާ ފަހުންނެވެ.