ކޯވިޑްގެ ހާލަތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ސުޕްރީމް ކޯޓާއި ޖޭއެސްސީން އާއްމުކުރި ސަރކިއުލާތަކާއި ހިލާފަށް އަމަލުކުރި 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ނދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ބަލިމަޑުކަން ދިވެހިރާއްޖޭގައިވެސް ފެތުރެމުންދާތީ، އެ ބަލި ފެތުރުން ކުޑަކުރުމަށްޓަކައި 18 މާރިޗު 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ޚާއްސަފިޔަފަޅުތަކުގެ ތެރޭގައި 19 މާރިޗު 2020 އިން ފެށިގެން ސަރުކާރު ބަންދު ކުރަން ނިންމަވައި ނެރުއްވި ދެންނެވުމުގައި ސަރުކާރު ބަންދުކުރައްވާ މުއްދަތުގައި، މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށް ކަނޑައެޅުއްވި އިދާރާތަކުގެ ތެރޭގައި ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރުގެ ޙިދުމަތާއި ކޯޓުތަކުގެ ޙިދުމަތް ހިމަނުއްވާފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ޙިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމަށް ދަންނަވައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ސަރކިއުލަރއަކާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ދެ ސަރކިއުލަރއަކާއި ޚިލާފަށް 17 ފަނޑިޔާރެއް ޢަމަލުކޮށްފައިވާތީ، މި 17 ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ސުލޫކީ މައްސަލަ ބަލަން ނިންމި ކަމަށް ޖޭއެސްސީއިން ހާމަކުރެއްވި ފަނޑިޔާރުން

1. ސިވިލްކޯޓުގެ ގާޒި އާދަމް އިބްރާހިމް އިސްމާއީލް
2. ޑްރަގްކޯޓުގެ ގާޒީ ހުސައިން ޝަހާމަތު މާހިރު
3. ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ހުސައިން އިބްރާހީމް
4. ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގު
5. ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހްމަދު އާމިރު
6. މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް
7. ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހްމަދު
8. ކ. ގުޅި މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމަދު ނަސީމް އަލީ
9، ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު
10. ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް
11. ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ހަސަންމަނިކު
12. ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސަޢީދު ޢަލީ
13. ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް
14. ރ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ނަދީރު މުހައްމަދު
15. ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސާދިގު
16. ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު
17. ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ޒާހިރު

ޖޭއެސްސީން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި އެ 17 ފަނޑިޔާރުންގެ މައްސަލަ ތަހުޤީޤުކުރުމަށްޓަކައި، މި މައްސަލަތައް ތަޙުޤީޤުކުރާނެ ކޮމިޓީ، 03 ޖަނަވަރީ 2021 ގައި ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.