ފަލަސްތީނުގެ ރަމައްލާ ސަރަހައްދުގެ ގަރަވަތު ބާނީ ޒައިދު ވިލެޖުގެ ފެންގަނޑެއް ރަތް ކުލައަށް ބަދަލުވެއްޖެއެވެ.
އެ ގައުމުގެ އެވަޔަރަމަންޓް ކުއަލިޓީ އޮތޯރިޓީގެ ހެޑް ކަމަށްވާ ޖާމިލް މުތުވާރު ވިދާޅުވީ މި ފެންގަނޑު ރަތް ކުލައަށް ބަދަލުވެފައިވަނީ ބަޔަކު އެ ފެންގަނޑަށް ކެމިކަލްތަކެއް އެޅުމުން ކަމަށެވެ. މިކަން ކުރި ކަމަށް ޝައްކު ކުރެވޭ ބަޔަކު މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ދައްކާގޮތުގައި ފެންގަނޑުގެ ބޮޑު ސަރަހައްދެއް ވަނީ އެއްކޮށް ރަތް ކުލައަށް ބަދަލުވެފައެވެ.
މިކަމާ ގުޅޭގޮތުން ފަލަސްތީނުގެ ހެލްތު މިނިސްޓަރު ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ. އަދި މިކަމުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ދިމާވެދާނެތީ ފެން ތަހުލީލު ކުރުމަށް ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ މިހާރު އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަހުލީލު ކުރަމުންނެވެ.
އެ ވިލެޖުގެ ކައުންސިލުން ވަނީ މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ކުނި އަދި ކުލަ ފަދަ ކެމިކަލްތައް އުކާލާ ސަރަހައްދެއް ގާއިމް ކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!