ހދ. އަތޮޅުގައި ވޭތުވި ދެ އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 367 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފަށާފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިން ''ރަށްވެހި ފަތިސް''ގެ ދަށުން މިރޭ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ހދ. އަތޮޅުގެ ގޮނޑިތަކަށް ވާދަ ކުރާ އެ ޕާޓީގެ ކެނޑިޑޭޓުންނާ ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
ހދ. އަތޮޅުގެ 12 ރަށުގެ އެ ޕާޓީގެ ކެނޑިޑޭޓުންނާއިއެކު ކުރިއަށް ދިޔަ އޮންލައިން ކެމްޕެއިންގައި 12 ރަށް ވަކީން، ކޮންމެ ރަށެއްގެ ރަށުކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލީ ކެނޑިޑޭޓުންނާއި ރައީސް ވަނީ ބައްދަލު ކުރަށްވާފަ އެވެ. އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިމަތިލި ކެނޑިޑޭޓުންނާއި، އެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތިލީ ކެނޑިޑޭޓުންނާއި ވެސް ރައީސް ވަނީ ބައްދަލު ކުރަށްވާފަ އެވެ. މީގެއިތުރުން ހދ. އަތޮޅު ކައުންސިލަށް ކުރިމަތިލި އެޕާޓީގެ ކެނޑި ޑޭޓު، މުޙައްމަދު ސިރާޖްއާއި ވެސް ވަނީ ބައްދަލު ކުރަށްވާފަ އެވެ.
މިގޮތުން ކުރިއަށް ދިޔަ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވޭތުވި ދެ އަހަރުގެ ތެރޭގައި ހދ. އަތޮޅުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޕީއެސްއައިޕީގެ ދަށުން 367 މިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުން ކުރިއަށް ގެންދާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތުގެ ތެރެއިން އެ އަތޮޅުގެ 624 ދަރިވަރުން އުނގެނެމުން ދާކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ކޯވިޑާއި ގުޅިގެން ވަޒީފާގެއްލި، ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާރުން ދެމުންދާ އިންކަމް ސަޕޯޓް އެލަވަންސް، އެ މުއްދަތުގެ ތެރޭގައި އެ އަތޮޅަށް ނިސްބަތްވާ 779 މީހަކަށް ދެވިފައިވާކަން ރައީސް ފާހަގަ ކުރެއްވި އެވެ. އެމީހުންނަށް އެލަވަންސްގެ ގޮތުގައި 11 މިލިއަން ރުފިޔާ ދޫކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް އެހީތެރިވުމަށް ސަރުކާރުން ދޫކުރާ އެސްއެމްއީ ލޯނު ގޮތުގައި 24 މިލިއަން ރުފިޔާ އެ އަތޮޅުގެ 25 ފަރާތަކަށް ދެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ކަރަންޓް ސަބްސިޑީގެ ގޮތުގައި 106 މިލިއަން ރުފިޔާ
''އަޅުގަނޑު ހިތުން ހަނިމާދޫ އެއާޕޯޓާއި، އުތުރުގައި ފެށޭ ހައިސްޕީޑް ފެރީގެ ސަބަބުން ބޮޑު ތިލަދުންމައްޗަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ''- ރައީސް ވިދާޅުވިއެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީވެގެން ދިޔުމުން އެ އެއާޕޯޓް ދެމެހެއްޓެނިގޮތެއްގައި ހިންގުމަށް އެ ސަރަޙައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުން ވަރަށް މުހިންމުކަން ފާހަގަ ކުރަށްވާ އެމަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން ހޮނޑައިދޫއާއި، ކުޑަފަރު ފަސްގަނޑާއި އަދި ވައިކަރަ މުރައިދޫން15 ހެކްޓަރ މިހާރު ވެސް ފަތުރުވެރިކަމަށް ހުޅުވާލެވިފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ ހދ. އަތޮޅުގައި ރިސޯޓްތައް ތަރައްގީކުރަން ދަތިތައް ހުރިކަމަށް ފާހަގަވާ ކަމަށާއި، އެހެން ކަމުން ބޮޑަށް ވިސްނުންފުޅުހުރީ ގެސްޓް ހައުސްގެ ވިޔަފާރި ފުޅާކުރެއްވުމަށް ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އުތުރުގެ މައި ހޮސްޕިޓަލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހޯދަމުން އަންނަ ކުރިއެރުމާއި ކާމިޔާބީ ވެސް ފާހަގަ ކުރަށްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!