ހދ. ކުޅުދުއްފުށި ސިޓީގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ އަށްވަނަ ޖަލްސާގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ނެވެ.

Ad
rt

މަޙްލޫފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ އިތުރު 3 ރަށެއްގައި ސިންތެޓިކް ދުވާ ޓްރެކް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

"ސިންތެޓިކް ޓްރެކް ގާއިމްކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން ހަމަ މާލޭގަ މިފަހުން މިނިންމި ޓްރެކެކޭ އެއްގޮތަށް ތިނަދޫ، ކުޅުދުއްފުށި، ފުވައްމުލަށް އަދި އައްޑު އަތޮޅު ހިތަދޫއަށް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާކަމެއް"
މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވި އެވެ.

މަޙްލޫފް ވިދާޅުވީ މިމަސައްކަތް ކުރުމަށް ބަޖެޓުވެސް ކުރެވިފައިވާކަމަށާއި މިއަހަރުގެ ތެރޭގައި މިމަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ.

މައުލޫމާތު ލިބޭގޮތުގައި މި ޕްލޭންގެ ދަށުން އެޅުމަށް ނިންމާފައިވާ ފުވައްމުލަކު އަދި އައްޑޫ އަތޮޅު ހިތަދޫ ސިންތެޓިކް ޓްރެކް އެޅުމަށް ބީއޯކިއު ވަނީ ހަދާފައެވެ.

މާލޭގައި 1996 ވަނަ އަހަރު ހުޅުވުނު އެކުވެނި ދުވާ ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކުރެވި ރަނގަޅު ފެންވަރެއްގައި ތަރައްގީކޮށް ހުޅުވުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އެޅިއިރު، މީގެ ކުރިން ހުޅުމާލޭގައި ވަނީ ސިންތެޓިކް ޓްރެކެއް ގާއިމުކޮށްފައެވެ. އެއާއެކު އެތުލެޓިކްސް މުބާރާތްތައް ބޭއްވުމަށާއި، ގައުމީ އެތުލެޓިކްސް ޓީމުގެ ދުވުންތެރިން ތަމްރީނުކުރުމަށް ބޭނުންކުރަމުން އަންނަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކެވެ.