ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލައިފިއެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދިޔަ އިހްތިޖާޖުގެ ތެރެއިން މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.

Ad
rt

ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލީ މިރޭ 22:30 ހާއިރު އެވެ.

އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު ސަރުކާރުން ވަނީ މާލޭ ސަރަޙައްދުގެ ފިޔަވަޅުތައް ބޮޑުތަނުން ވަރުގަދަ ކޮށްފަ އެވެ. އަދި ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވް މީހުންގެ ޢަދަދު މިހާރު ވަނީ އަށާރަ ހާސް ފަހަނައަޅައި ގޮސްފައެވެ.

މީގެއިތުރުން ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ބާއްވަމުންދާ އެއްވުންތަކަކީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފު އަދި ގާނޫނީ ގޮތުން ވެސް މަނާ ކަމެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

މިމަހުގެ 20 ވަނަ ދުވަހު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކާއި ގައިޑްލައިންތަކާއި އަދި ކަމާގުޅޭ ޤާނޫނުތަކާއި ޚިލާފަށް އެއްވުންތައް ބާއްވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.