ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހއ. ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އިއްޔެ އެންގުމުން، އެކަމާއި ކަންބޮޑުވުން ފާޅުކޮށް، މި ހައުސިން ޔުނިޓްތަކަށް ފައިސާ ދެއްކުމަށް ލުއިގޮތެއް ހޯދައިދިނުމަށް ''ދިއްދޫ ރައްޔިތުންގެ އަޑު''އިން ގޮވާލައިފިއެވެ.
''ދިއްދޫ ރައްޔިތުންގެ އަޑު''އަކީ ދިއްދޫ ރައްޔިތުންގެ އަޑުއިއްވައި، ރައްޔިތުންގެ ހައްގުތަކަށް ވަކާލާތުކޮށް، ރަށުގެ ތަރައްގީއަށާއި ކުރިއެރުމަށް ބިނާ ކުރުވަނިވި ފާޑުކިޔުމަށް ދިއްދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ޝާމިލްވާހެން އުފައްދާފައިވާ ޖަމާއަތެކެވެ.
ދިއްދޫގައި ސަރުކާރުން ޢިމާރާތްކޮށްފައިވާ 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އިއްޔެ އެންގުމުން އެކަމަށް ނުރުހުން ފާޅުކޮށް އެ ޖަމާއަތުން ބުނީ ދިއްދޫގެ ފްލެޓްތަކަށް 1 މާރޗް 2021 އިން ފެށިގެން ފައިސާ ދެއްކުމަށް ޕްލޭނިންގ މިނިސްޓްރީން އިން އެންގެވިކަމަށް ބުނެދި އްދޫ ކައުންސިލުން އިއްޔެ ޢިއުލާން ކުރުމުން ދިއްދޫގެ އެތައް ރައްޔިތުންނެއް ތިބޭ އެ ޖަމާއަތުގެ ވައިބާ ގްރޫޕްގައި އެކަމާއި ކަންބޮޑުވެ، ނުރުހުންފާޅުކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެ ޖަމާއަތުން ބުނީ ދިއްދޫ ފްލެޓްތަކަށް މަހު ފީ ދެއްކެވުން ސަރުކާރުން ވަނީ އެތައް ފަހަރަކު ފަސްކޮށްދެއްވާފައި ކަމަށެވެ. އަދި އެއްވެސް ފަރާތަކުން މިއަދާ ހަމައަށް މަހު ފީ ނުދައްކާ ކަމަށް އެ ޖަމާއަތުން ބުނެފަ ވެއެވެ. އަދި ފްލެޓްތަކުގެ މަހު ފީ ދެއްކެވުން ފަސްކުރެއްވި އެންމެ ބޮޑު ދެ ސަބަބެއް ގޮތުގައި އެ ޖަމާއަތުން ފާހަގަކުރި ދެ ސަބަބަކީ ފްލެޓްތަކުގެ މަރާމާތު ފައިސާ އޭރު އަދި ސަރުކާރުން ދެއްވާފައި ނުވުމާއި ކޯވިޑް19 ގެ ޙާލަތުގައި އެތައް ރައްޔިތުންނެއްގެ ވަޒީފާތައް ގެއްލި ޢާންމުވެގެންވާ އިޤްތިޞާދީ ދަތިިކަމެއް ހުރިހާ ރައްޔިތުންނަށް ވެސް ދިމާވުމެވެ.
''މިހާރު ވަނީ ހުރިހާ ފްލެޓްތަކެއްްގެ މަރާމާތު ފައިސާ (ގާތްގަނޑަކަށް 30 މިލިޔަން ރުފިޔާ) ނަޤުދު ފައިސާއިން ފްލެޓްތަކުގެ ވެރިފަރާތްތަކާ ޙަވާލުކުރެވިފައެވެ. އަދި ކޯވިޑް19 ގައި ވަޒީފާ ގެއްލިފައިވާ ގިނަ ފަރާތްތަކަށް ވަޒީފާ ވެސް ލިބި އަލުން އަނބުރާ ޢާންމު ޙާލަތަށް ރުޖޫޢަވުމުގެ ކޮޅުމަތި މަޑުމަޑުން ފެންނަން ފަށާފައެވެ. އަދި ގިނަ ޢަދަދެއްގެ ފްލެޓްތަކަށް މީހުން ވަދެ، ދިރިއުޅެން ވެސް ފަށާފައެވެ. މި ކަން މިހެން އޮތުމާއެކު، މިހާރު ފްލެޓްތަކުގެ މަހު ފީ (2500 ރުފިޔާ) ދައްކަން ފެށުމަށް ސަރުކާރުން (ޕްލޭނިންގ މިނިސްޓްރީން) އެންގެވުމަކީ އޭގެ ޒާތުގައި ގޯހެއް ކަމަކަށް އަޅުގަނޑުމެން ނުދެކެމެވެ. އެއީ އެ ފަރާތުން ކުރައްވަން ވެސް ޖެހިވަޑައިގަންނަވާނެ ކަމެކެވެ. އަދި ފްލެޓްތަކުގެ ވެރި ފަރާތްތަކަށް ވެސް އެނގޭ، އެއްބަސްވެފައިވާ ކަމެކެވެ. މި ދެންނެވި ޙަޤީޤަތްތައް މިހެން ހުރެމެ، ޕްލޭނިންގ މިނިސްޓްރީން މި ކަމަށް އެދި ކައުންސިލަށް ސިޓީއެއް ފޮނުވުމުން، އެ ސިޓީ އޮތް ގޮތަށް ކުއްލިއަކަަށް އިޢުލާންކުރެއްވުން ގޯހެވެ. އެއީ، ކައުންސިލަކީ އެ ރަށެއްގެ ރައްޔިތުންގެ ކަންކަން އެންމެ ރަނގަޅަށް އެނގޭނެ ފަރާތުގެ ހައިސިއްޔަތުން، މި ކަމުގައި ރައްޔިތުންނާއި ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރެވެން ވާނެއެވެ. ވަކިން ޚާއްޞަކޮށް މަޖިލިސް މެމްބަރާއި، އަތޮޅު ކައުންސިލާއި، ފްލެޓްތަކުގެ ވެރި ފަރާތްތަކާއެކު މިކަން ޙިއްޞާކޮށްލެވެން ވާނެއެވެ. އެ ފަރާތްތައް ހިމެނޭ ވައިބަރ ގްރޫޕެއް މިހާރު ވެސް ދިއްދޫ ކައުންސިލުން އެބަ ހިންގަވައެވެ.''
އެ ޖަމާއަތުން ބުނެފަ ވެއެވެ.
އެޖަމާއަތުން ބުނީ މި ފަދަ ކުއްލި ކަމެއްގެ ސަބަބު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަކާ ބެހޭ ގޮތުން ޕްލޭނިންގ މިނިސްޓްރީއާ މަޝްވަރާކޮށް މި ކަމުގައި ލުއި ގޮތްތަކެއް ނުވަތަ ފައިސާ ދެއްކެވެން ތިއްބެވި ބޭފުޅުން ފައިސާ ދެއްކެވިދާނެ ކަމާއި އެހެން ބޭފުޅުންނަށް އިތުރު ތިން ހަތަރު މުއްދަތެއް ނުވަތަ މިނޫން ވެސް ކިތަންމެ ގޮތްތަކެއް ހޯދިދާނެ ކަމަށެވެ.
ކައުންސިލެއް އުފެދެނީ ރައްޔިތުންނަށް ޚިދުމަތްކޮށް، ރައްޔިތުންގެ އަޑާއި ޙައްޤުތަކަށް މަސައްކަތްކޮށް އަދި ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދޭންކަންކަމަށާއި، އަދި ސަރުކާރާ ވަކިން، ވަކި މުއައްސަސާއެއްގެ ގޮތުގައި ކައުންސިލްތައް އޮންނަނީ ވެސް ސަރުކާރުން ދޭ ''ރޯ ފުށްގުޅައެއް ރައްޔިތުންނަށް ކާން ނުދީ، އެ ފުށްގުޅައިން ރޮށި ފިހެގެން ކާން ދިނުމަށް'' ކަމަށް އެކައުންސިލުން ބުންޏެވެ.
އޭގެ މާނައަކީ ކައުންސިލްގެ ބޭނުމަކީ ސަރުކާރުން ވަކި ކަމެއް ކުރަން ބުންޏަސް، އޭގެ އެކޮޅު މިކޮޅު ސަރުކާރަށް ކިޔައިދީ، ރައްޔިތުންގެ ފުރިހަމަ އަދި ޞައްޙަ ޙާލަތު ބަޔާންކޮށްދީ ރައްޔިތުންނަށް އެންމެ ރަނގަޅު ޙަައްލު އެކަމެއްގައި ހޯދައިދިނުން ކަމަށް އެޖަމާއަތުން ބުނެފަ ވެއެވެ.
ފްލެޓްތަކުގެ މައްސަލައިގައި މީގެ ކުރިން ވެސް ސަރުކާރުން ވަކި ގޮތެއް އެންގެވިޔަސް އެ ގޮތަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ނޫންނަމަ، އެކަމުގައި ސަރުކާރާ ވާހަކަ ދައްކައިގެން ސަރުކާރުގެ ނިންމުން ކިތަންމެ ފަހަރަކު ބަދަލުކުރެވިފައި ހުންނާނެ ކަމަށާއި، އެއީ ދިއްދޫ ކައުންސިލަށް އާ ކަމެއް ނޫން ކަމަށް ވެސް އެ ޖަމާއަތުން ބުނެފަ ވެއެވެ.
އެޖަމާއަތުން ވަނީ މި ކަންބޮޑުވުންތަކާއެކު ކައުންސިލްގެ މި ނިންމުން ނިންމިއިރު ކަމާގުޅޭ އެއްވެސް ފަރާތަކާއި މަޝްވަރާކޮށް، ލުއިގޮތެއް ހޯދަން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެފައެވެ. އަދި ހަފުތާގެ އެންމެ ފަހު ދެ ދުވަހަކީ (ހުކުރު،ހޮނިހިރު) ސަރުކާރު ބަންދު ދެ ދުވަސްކަމަށް ވުމުން މިިދަފަ ނިންމުމެއް ހަފުތާ ބަންދާ ދިމާކޮށް ނިންމުމަކީ އާދީއްތަ ދުވަހާއި ހަމައަށް ރައްޔިތުން ހާސްކަންމަތީ ބައިތިއްބަން ކުރާކަމެއް ކަމަށް އެޖަމާއަތުން ވަނީ ތުހުމަތުކޮށްފަ އެވެ.
އެހެންކަމުން ދިއްދޫގެ ފްލެޓްތަކަށް ފައިސާ ދެއްކުމަށް އަންގާފައިވާ އެންގުން ކުއްވެރިކޮށް، އެ ފްލެޓްތަކަށް ފައިސާ ދެއްކެވުމުގައި އަދިވެސް ލުއި ގޮތްތަކެއް ކަމާ ބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން ހޯއްދެވުމަށް ދިއްދޫ ކައުންސިލަަށް ގޮވާލާކަމަށް އެ ޖަމާއަތުން ބުންޏެވެ.
ދިއްދޫ ރައްޔިތުންގެ އަޑުން ގޮތަށް ގޮވާލާފައިވާއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގ ޔުނިޓުގެ ތެރެއިން 245 ހައުސިންގ ޔުނިޓަށް މަހު ކުލި ދައްކަން ދިއްދޫ ކައުންސިލްގެ އިދާރާއިން އަންގައި އިއްޔެ ކުރި ޢިއުލާންގައި ބުނެފައިވަނީ މަހު ކުލި ދައްކަންޖެހޭ ފަރާތްތަކުން 01 މާރޗް އިން ފެށިގެން، އެއްބަސްވުމުގައިވާ ގޮތުގެމަތިން އެޗް.ޑީ.އެފް.ސީ އަށް މަހު ކުލި ދައްކަމުން ގެންދިއުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެ ކައުންސިލް އިދާރާއަށް ވަނީ އަންގާފައި ކަމަށެވެ.
ދިއްދޫގައި އިމާރާތްކޮށް ނިމިފައިވާ 250 ހައުސިންގް ޔުނިޓުގެ ރަޖިސްޓްރީ ހެދުމާއި، ބިމުގެ ދަފްތަރު އަދާހަމަ ކުރުމުގެ މަސައްކަތް ދިއްދޫ ކައުންސިލުންވަނީ ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށްގެންގޮސްފައި ވެއެވެ. އަދި ފުރަތަމަ ބުރުގައި ދޫކުރި 135 ހައުސިންގް ޔުނިޓާއި، ދެވަނަ ބުރުގައި ދޫކުރި 110 ހައުސިންގް ޔުނިޓްގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތާއި، ބިމުގެ ދަފްތަރު އަދާ ހަމަކުރުމުގެ މަސައްކަތް ވެސް އެކައުންސިލުން ވަނީ މިދިޔަ އަހަރު ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!