މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ ނިޔާވެއްޖެއެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިމްރާން އިންޑިއާއަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އިމްރާން ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ، އައިސީޔޫ ގައި ފަރުވާދެމުންދަނިކޮން ރޭ މެންދަމު 1:30 އެހާކަށް ހާއިރު ކަމަށް މައުލޫމާތު ލިބިފަ ވެއެވެ.

Ad
rt

އިމްރާނަކީ މާލޭ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ. ކާޕެޓް ރޯލެއް ވެއްޓި ވަރަށް ބޮޑަށް އަނިޔާވުމުން އޭނާގެ ބައެއް އޮޕަރޭޝަންތައް ވެސް ވަނީ އައިޖީއެމްއެޗްގައި ކޮށްފަ އެވެ.

އިމްރާނަށް އެހީތެރިވުމަށް ނޮޅިވަރަމް ޒުވާނުން އިސްނަގައިގެން މިދިޔަ ހޮނިހިރުދުވަހު ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އިމްރާނަށް އެހީތެރިވުމަށް ނޮޅިވަރަމްގެ ކުދިބޮޑު އެންމެން އެދުވަހު ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވަނީ 193،121 ދިވެހި ރުފިޔާއާއި، 2360 ޔޫއެސް ޑޮލަރު ހޯދާ ޢާއިލާއާއި ހަވާލުކޮށްފަ އެވެ.