ށ. އަތޮޅު ހޮސްޕިޓަލަށާއި، އެ އަތޮޅުގެ ޞިއްޙީ މަރުކަޒުތަކަށް ގިނަ ޢަދަދެއްގެ ދިވެހި ނަރުހުން ހޯދަން ޢިއުލާން ކޮށްފިއެވެ.
މިގޮތުން ށ. އަތޮޅު ހޮސްޕިޓަލުން ކުރި ޢިއުލާނެއްގައި ވަނީ އެ އަތޮޅުގެ ރަށްތަކަށް 39 ދިވެހި ނަރުހުން ހޯދަން ޢިއުލާން ކޮށްފައެވެ. މި މަގާމުތަކުގެ ތެރޭގައި ހިމެނެނީ ރެޖިސްޓަރޑް ނާރސް، ސީނިއަރ ރެޖިސްޓަރޑް ނާރސް އަދި ކްލިނިކަލް ނާރސް އެވެ.
މި ޢިއުލާންގައިވާ ގޮތުން އެންމެ ގިނަ ވަޒީފާ ޢިއުލާން ކޮށްފައިވަނީ އެ އަތޮޅު ފުނަދޫގައި ހުންނަ، އަތޮޅު ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލަށް 14 މަގާމަކަށް މީހުން ހޯދަން ޢިއުލާންކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ވަޒީފާ ޢިއުލާންކޮށްފައިވާ ކޮމަންޑޫ ޞިއްޙީ މަރުކަޒަށް 5 މަގާމަށް ވަނީ ފުރުޞަތު ހުޅުވާލާފަ އެވެ.
ކަނޑިތީމު ޞިއްޙީ މަރުކަޒަށާއި، މަރޮށި ޞިއްޙީ މަރުކަޒަށާއި، އަދި ޅައިމަގު ޞިއްޙީ މަރުކަޒަށް އެއިން ކޮންމެ މަރުކަޒަކަށް ވަނީ 3 މަގާމަށް ފުރުޞަތު ހުޅުވާލާފަ އެވެ. އަދި މާއުނގޫދޫ ޞިއްޙީ މަރުކަޒަށާއި، ނޫމާރާ ޞިއްޙީ މަރުކަޒަށާއި، ގޮއިދޫ ޞިއްޙީ މަރުކަޒަށް އެއިން ކޮންމެ މަރުކަޒަކަށް 2 މަގާމަށް މީހުން ހޯދަން ވަނީ ހުޅުވާލާފަ އެވެ.
ކޮންމެ ޞިއްޙީ މަރުކަޒަކަށް އެއް މަގާމަށް މީހުން ހޯދަން ޢިއުލާނުކޮށްފައި ވަނީ ފޭދޫ ޞިއްޙީ މަރުކަޒަށާއި، ފީވަކު ޞިއްޙީ މަރުކަޒަށާއި، ބިލެތްފަހި ޞިއްޙީ މަރުކަޒަށާއި، ފޯކައިދޫ ޞިއްޙީ މަރުކަޒަށާއި އަދި ނަރުދޫ ޞިއްޙީ މަރުކަޒަށެވެ.
މި މަގާމުތަކަށް ކުރިމަތިލާން އެދޭ ޝަރުޠުހަމަވާ މީހުން 23 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލް ނުވަތަ މަރުކަޒަކަށް ވަޒީފާއަށް އެދި ފޯމު ހުށަހަޅަންޖެހެއެވެ. އަދި މި ވަޒީފާތަކަށް މީހުން ހޯދުމަށް ކުރި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށް އެ ޢިއުލާންގައި ބުނެފަ ވެއެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެ ކަމަށް އެ ޢިއުލާންގައި ބުނެފައިވާއިރު، މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 23 ފެބްރުއަރީ 2021 އާއި 22 މާރޗް 2021 އާ ދެމެދު ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒެއް ގައިކަމަށް ވެސް އެ ޢިއުލާންގައި ބުނެފަ ވެއެވެ.
އިތުރުމައުލޫމާތު ހޯދަން ބެނުންވާ މީހުން ރަސްމީގަޑީގައި 6540205 ނަންބަރަށް ގުޅުމަށް ވެސް އެ ޢިއުލާންގައި ބުނެފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!