ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންސެސްއިން ހދ. ނޮޅިވަރަންފަރުގައި ފަށައި، ނުނިންމާ ހުރި 100 ހައުސިންގ ޔުނިޓުގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި އަނެއްކާވެސް ބީލަމަށް ލައިފި އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ބީލަން ހުށަހެޅުމަށް އަލުން ހުޅުވާލާފައިވަނީ ނޫމަޑީގެ ދެވަނަ ފިޔަވަހީގެ ދަށުން ހދ. ނޮޅިވަރަންފަރުގައި 100 ހައުސިންގް ޔުނިޓުގެ މަސައްކަތް ކަމަށެވެ.
ނޮޅިވަރަންފަރުގައި ހަދާ ހައުސިންގް ޔުނިޓުތަކުގެ މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ މާޗުމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިނޭންސް މިނިސްޓްރީއިންވަނީ މިދިޔަ އަހަރުގެ ފެބުރުއަރީމަހުވެސް މިމަސައްކަތް ކުރުމަށް ބީލަމަށް ހުޅުވާލާފައެވެ. ނަމަވެސް ފަހުން އެ އިޢުލާން ވަނީ ބާތިލްކޮށްފަ އެވެ.
މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންކަމަށާއި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެކަމަށް އެއިޢުލާނުގައި ބުނެފައިވެ އެވެ.
މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މިއަދުން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި އެ މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެމިނިސްޓްރީއިން ހާމަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!