ހއ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ދޫކުރަން އެ ރަށު ކައުންސިލާއި ޓޫރިޒަމް މިނިސްޓަރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޒޫމް މެދުވެރިކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވީ ސީނިޔަ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ޚުއްސާނެވެ. ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ޣުފްރާނެވެ.
މި އެއްބަސްވުމުގެ ދަށުން ގެސްޓްހައުސް އެޅުމަށް 5،000 އަކަފޫޓުގެ 12 ބިމާއި ޓޫރިސްޓް ހޮޓާ ހަދަން 10،000 އަކަފޫޓުގެ ދެ ބިން ދޫކުރާނެއެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރި އަބްދުﷲ މައުސޫމާއ، ކެލާ ތަމްސީލް ކުރަށްވާ އެ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ވަނީ ކެލާގައި ގެސްޓްހައުސްއާއި، ސިޓީ ހޮޓާ ތަރައްގީ ކުރުމަށް ހުޅުވާލުމުގެ މަސައަކަތައް ޓޫރިޒަމް މިނިސްޓަރ މައުސޫމާއި، ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފާއި އަދި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ދެއްވި އަހައްމިއްޔަތާއި، އެއްބާރުލުން ފާހަގަކޮށް ކެލާ ކައުންސިލާއި، ކެލާގެ ރައްޔިތުންގެ ނަމުގައި އެފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.
''ކެލާގައި ގެސްޓްހައުސް ތަރައްގީކުރަން މި ހުޅުވާލެވޭ 12 ބިމާއި، ސިޓީ ހޮޓާ ތަރައްގީކުރުމަށް ހުޅުވާލެވޭ ދެ ބިމުގެ ސަބަބުން ކެލާގެ ތަރައްގީއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ، ކެލާގައި ވަޒީފާގެ ފުރުޞަތު އިތުރުވެ ރަށުން ބޭރުގައި މިހާރު ދިރިއުޅޭ ކެލާގެ ޢާއިލާތައް ރަށަށް ބަދަލުވެ ކެލާއަށް ތަރައްގީއާއި ކުރިއެރުން ގެނެސްދޭނެ، ރަށުގެ ތަޢުލީމީ ނިޒާމަށާއި ސިއްހީ ނިޒާމަށް ހެޔޮބަދަލު ތަކެއް ގެނައުމުގެ ފުރުޞަތުލިބި ކަންކަން ފެހިވެގެން ދާނެކަން ކަށަވަރު''
ޣުފްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަދު ސޮއިކުރެވުނު އެމްއޯޔޫއާއިއެކު އެ ބިންތައް ވީހާވެސް އަވަހަކަށް ޢިއުލާން ކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މިމަހުގެ ތެރޭގައި އެ ބިންތައް ބީލަމަށް ހުޅުވާލެވޭނެ ކަމަށް އުންމީދު ކުރަށްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކެލާގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރަން ކުރިންވެސް ހުޅުވާލި އެވެ. މި މަސައްކަތް ކާމިޔާބުކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ފެޑޯ އިންވެސްޓްމެންޓުންނެވެ. މި ހޮޓާ ތަރައްގީ ކުރަން ހަމަޖެހިފައިވަނީ ކެލާގައި ޓޫރިޒަމަށް ކަނޑައަޅާފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަހައްދުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!