ހއ. އިހަވަންދޫގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ހަރަކާތްތައް ހިންގަމުން އަންނަ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން ''މަންސަފާ''ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އުނގަންނައި ދިނުމުގެ ހަރަކާތުގެ ފުރަތަމަ ދަތުރު ހދ. ނޮޅިވަރަންފަރަށް ކޮށްފިއެވެ.
މިއީ ރާއްޖޭގެ މަދަރުސާތަކުގެ ދަރިވަރުން ''އޭ'' ލެވެލް އަދި ''އޯ'' ލެވެލް އިމްތިހާނަށް ތައްޔާރުކޮށް ދިނުމަށް އެހީތެރިވުމަށް އިމަގުން ފަށާފައިވާ ހަރަކާތެކެވެ. މިގޮތުން މި ހަރަކާތުގެ ދަށުން އެހީތެރިކަމަށް އެދޭ މަދަރުސާތަކަށް ކިލާސްތައް ނަގައިދީ، އިމްތިހާނުތަކަށް ދަރިވަރުން އިތުރަށް ތައްޔާރު ކުރުމަށް އިމަގު ޖަމިއްޔާގެ ''ޓީޗާސް ޕޫލް''ގައި ހިމެނޭ ތަޖުރިބާކާރު، ތަޢުލީމީ އެދުރުންގެ އެހީތެރިކަން ފޯރުކޮށްދެނީ ހިލޭ ސާބަހަށެވެ.
މި ހަރަކާތުގެ ފުރަތަމަ ދަތުރު ހދ. ނޮޅިވަރަން ފަރަށް ކޮށްފައިވާއިރު، އިމަގު ޖަމިއްޔާގެ ''ޓީޗާސް ޕޫލް''ގެ ތިން މުދައްރިސަކު ވަނީ ެރަށަށް ޒިޔާރަތް ކޮށްފައެވެ. އެ ތިން މުދައްރިސުންނަކީ ހާމިދު މޫސާ، ޢަލީ ފައުދު އަދި ފަތުހުﷲ އަޙްމަދު ރަޝީދެވެ.
މިގޮތުން އިމަގު ޖަމްއިއްޔާއާއި ނޮޅިވަރަންފަރު ސްކޫލް ގުޅިގެން ކުރިއަށް ގެންދެވުނު އެ ސްކޫލްގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުވުމުގެ ''ސްޓަޑީ ކޭމްޕް'' މި ފެބްރުވަރީ 11 ން 13 ށް އަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.
''މިސްކޫލުގެ ދަރިވަރުންނަށް މިފުރުސަތު ފަހިކޮށްދެއްވީތީ އިމަގު ޖަމްއިއްޔާއަށާއި ކިޔަވާދެއްވި މުދައްރިސުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،''
އިމަގުގެ އެ އެހީތެރިކަން ފާހަގަކޮށް ނޮޅިވަރަންފަރު ސްކޫލުން ބުނެފަ ވެއެވެ.
ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް ޢަަލީ އަޙްމަދު ''ތިލަދުން''އަށް ވިދާޅުވީ މި ސްޓަޑީ ކޭމްޕަކީ އެ ސްކޫލްގެ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުވެ، އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ލިބުނު އިތުރު އެހީތެރިކަމަކަށް ވެގެން ދާނެ ކަމަށާއި، އެ ސްކޫލުން ނެރޭ ނަތީޖާ ރަނގަޅު ކުރުމަކީ ބެލެނިވެރިންނާއި، ޕީޓީއޭއާއި އަދި ސްކޫލްގެ ވެސް އެންމެ ބޮޑު އަމާޒު ކަމަށެވެ.
''މިފުރުސަތުގައި މި ސްޓަޑީ ކޭމްޕް އިންތިޒާމް ކުރުމުގައި މި ސްކޫލްގެ ގްރޭޑް10 ގެ ބެލެނިވެރިންނާއި، ސްކޫލްގެ ޕީޓީއޭ އަދި ނޮޅިވަރަންފަރު ކައުންސިލުން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން''
ޢަލީ ވިދާޅުވި އެވެ.
https://thiladhun.wonstasite.com/51679
ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް
އިހަވަންދޫ އިމަގު ޖަމިއްޔާއިން ރާއްޖޭގެ މަދަރުސާތަކުން ''އޭ'' ލެވެލް އަދި ''އޯ'' ލެވެލް އިމްތިހާ ހަދާ ދަރިވަރުންނަށް އުނގަންނައި ދިނުމަށް ''މަންސަފާ''ގެ ނަމުގައި ހަރަކާތެއް ފެށިއިރު، މި ހަރަކާތަކީ ރާއްޖޭގެ ވަރަށް ގިނަ މަދަރުސާތަކަށް މި ހަރަކާތުގެ ސަބަބުން ފަސޭހަކަން ލިބޭނެ ހަރަކާތެކެވެ. އަދި މިހަރަކާތުގެ އެހީގައި އެ އިމްތިހާނުތައް ހަދާ ދަރިވަރުންނަށް އެ ދަރިވަރުން އުނގެނޭ މަދަރުސާތަކުން އިތުރު ކިލާސްތައް ނަގައިދީ، އިމްތިހާނަށް ތައްޔާރު ކުރުމަށް މުދައްރިސުން ހޯދުމަށް ކުރިމަތިވާ ދަތިތަކަށް ފަހިކަން ލިބިގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!