ކުރީ ޢަދަދާއި ގުޅޭ: "އާހ! ހާދަ މީރު ވަހެކޭ މި ދުވަނީ." ދެ ލޯ މަރައިލައްވައި އެތެރެއަށް ނޯއް ދަމާލައްވަމުން ސުލައިމާނުދީދީ ވިދާޅުވިއެވެ.
"އެހެރަ ފެންނަ އުނިގަސްތަކުގައި ހުރި އުނިމާތަކުން ދުވާ ވަހެއް." ސުލައިމާނުދީދީއާ ފެއަށް ޖެހިލަމުން ސިތާރާ ބުނެލިއެވެ. އޭރު ވެސް ސިތާރާގެ ކަނާތް އޮތީ ސުލައިމާނުދީދީގެ ވާތު އަތުތެރޭގައެވެ.
"މި އޮއް ވަލަށް ވަންނަ އިރު ކައިރި ފަށުގައި ހުންނާނީ ހުސް އުނިގަސް. ރޭގަނޑުވެގެން އަންނަ އިރު، އެ ގަހުގައި ފޮޅިފައި ހުންނަ މާތަކުން މުޅި ތަން އޮންނާނީ އެއްވަސްވެފައި."
އެ މީހުން އިށީނދެގެން ތިބި ޖޯއްޔާ މާ ދުރު ނޫން ހިސާބަކަށް އިޝާރާތްކޮށްލަމުން ސިތާރާ ކިޔައިދިނެވެ.
"އެ ގަސްތައް މި ތާ ނެތަސް، މި ތަނުގައި އެ ފަދަ ހިތްގައިމު ވަހެއް ހުންނާނެ." ސިތާރާއާ ހަތަރުކަޅި ހަމަކޮށްލައްވަމުން ސުލައިމާނުދީދީ މި ވިދާޅުވި އެއްޗެއް ސިތާރާއަށް ފަހުމުވެއްޖެއެވެ. ސިތާރާ ލަދުން އިސްޖަހައިލިއެވެ. އެ ޅަނދޮޅު ހަށިގަނޑުގައި ވަނީ ސުލައިމާނުދީދީއަށް ޓަކައި ވިންދުޖަހަމުންދާ ހިތެއްކަން ކިތަންމެ ރަނގަޅަކަށް ވެސް އެ ދީދީއަށް މިހާރު އެނގިވަޑައިގަންނަވައިފިއެވެ. މިރޭ ކައިގެން ގޭގެ މި ފަރާތުން ބައްދަލުކޮށްލަން އެދުނީމާ އޭނީ ދެ ބަހެއް ނެތި އައިހެވެ. މިހާރު މިހެން ވާހަކަދައްކަން ތިބޭތާ ވެސް ކިތަންމެ އިރެކެވެ.
"މަށާ އެކު މާލެ ދާން ކެރޭނެތަ؟" ކަނާތުން ސިތާރާގެ ދަތްދޮޅީގައި ހިފައި، އިސްޖެހިފައިވާ މޫނު އުފުލައިލެއްވިއެވެ. ތަރިތަކުން ފާޅުވާ ފަދަ ވިދުވަރެއް އެ ބޮޑު ދެ ލޮލުން ފާޅުވިތައް ސުލައިމާނުދީދީ ދެކެވަޑައިގަތެވެ. ގޭގެ އަސްކަނިދޮށުގައި ހުރި މި ޖޯލިފައްޗަށް، ގޭތެރޭގައި ދިއްލާފައި ހުރި ފާނޫޒުގެ ފަނޑުއަލި އެޅިފައި ހުއްޓެވެ. އުތުރު ފަރާތަށް ބޭރަށް ނުކުންނަށް ހުރި ދިމާ ދޮރު ހުރީ ހުޅުވާފައެވެ. ކިޔާ ނުކިޔާ އެއްޗެއް ސާފު ނުވި ނަމަވެސް ގޭތެރޭގައި މީހުން ހޭލަމޭލަވެ އުޅޭކަން އެނގެއެވެ.
"މަ އެކަނިތަ ގެންދާނީ؟" މާލެ ދާ ވާހަކަ ވިދާޅުވީމާ ސިތާރާ ކަންބޮޑުވެއްޖެއެވެ.
"އެކަންޏެއް ނުވާނެ. އަހަރެން ހުންނާނެއެއްނު؟" އެކަމަކު ވެސް ސިތާރާގެ މޫނުމަތީގައި ހުރި ހާސްކަމެއް ނުފިލިއެވެ. ފިރިފުރާވަަރަށް އަރާފައި ހުއްޓަސް މިއީ އަދި ދުނިޔޭގެ ތަޖުރިބާއެއް ނެތް ޅަ ކުއްޖެކެވެ.
"މަ އަދި ޖެހިގެން މި އޮތް ތަކަންދުއަށް ވެސް ދިޔައީ އެންމެ ދެ ފަހަރު. އެ ވެސް މަންމައާ އެކު... މާލެއަށް އެހައި ދުރަށް.. މަންމަމެންނާ ވަކިން ކިހިނެއް އެކަނި ދާނީ؟"
ސިތާރާގެ ކަންބޮޑުވުން ފައްޗަކަށް އަމުނައިލިއެވެ.
"އެންމެ ރަނގަޅު! އަހަރެން މާލެއަށް ގޮސް އެންގީމާ، މަންމައާއި ބައްޕައާ އެކު މާލެއަށް އަންނަން ކެރޭނެތަ؟"
"އާނ!" ސިތާރާ އުފަލުން ފޮޅިއްޖެއެވެ. ނުތަނަވަސްކަން ވެރިވެފައިވާ މޫނަށް ދިރުން އަތުވެއްޖެއެވެ.
"އަހަރެމެންނަށް ކައިވެނިކުރެވޭނީ ވެސް އެ މީހުން ގޮވައިގެން އައީމާތާ ދޯ؟" ސުލައިމާނުދީދީ މި ވިދާޅުވި އެއްޗަކުން ސުވާލުގެ ނަޒަރުން ސިތާރާ ބަލައިލިއެވެ.
"ކައިވެނި؟" އެ ދީދީ އެ ވިދާޅުވި އެއްޗެއް ސިތާރާއަށް ޔަޤީން ނުވާ ކަހަލައެވެ.
"އާނ! އަހަރެމެންގެ ކައިވެނި. ސިތާރާ ބޭނުމެއް ނޫންތަ މަށާ ކައިވެނިކުރާކަށް؟" މިއީ، ސިތާރާގެ ހިތް ގޮވަމުން އައި ގޮވުމެވެ. އޭނާގެ ހިތް އެކަންޏެއް ނޫނެވެ. އޭނާގެ މައިންބަފައިންގެ ވެސް ހިތުގެ އެދުމެވެ. މި ކަމަށް އިންކާރުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ސުލައިމާނުދީދީގެ އެ ސުވާލަށް އޭނާއަކަށް ޖަވާބެއް ނުދެވުނެވެ. އެ ދީދީގެ ކޮނޑުގައި މަޑުމަޑުން ބޯއަޅައިލިއެވެ. ސިތާރާގެ މި ހަރަކާތާ އެކު، ރުވާފައި ދޫކޮށްލި ދުނި އަމާޒަށް ވާސިލްވެއްޖެކަން އެ ދީދީއަށް އެނގިވަޑައިގެންފިއެވެ. ސިތާރާގެ ބޮލުގައި ފިރުމައިލައްވަމުން ވިދާޅުވިއެވެ.
"ދަލޭކައާ މިހާރު އެއްގޮތަކަށް ވެސް ވާހަކަނުދައްކަނީތަ؟" ދަލޭކަގެ ވާހަކަ ފެށީމާ، ސިތާރާ ތެދުވެ ޖޯލީގައި ހަމަޖެހިލިއެވެ. ސުލައިމާނުދީދީއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ.
"އާނ!" ޖަވާބު ކުރެވެ. މިއީ، ސިތާރާ މާ ދައްކަން ބޭނުން ވާހަކައެއް ހެނެއް ހިޔެއް ނުވެއެވެ.
"އެއްގޮތަކަށް ވެސް ވާހަކަ ނުދައްކާ ހުންނާކަށް ނުވާނެއެއްނު؟ އެ ކަމެއް ދެން އެ އޮތީ ވެ ނިމިފައިތާދޯ!" ސުލައިމާނުދީދީއާ ގާތަށް ސިތާރާ ލަފައިލައްވަން އެ ދީދީ މަސައްކަތްކުރެއްވިއެވެ. ނަމަވެސް، ސިތާރާ މި ފަހަރު އެ ދީދީއާ ގާތަށް ޖެހިލާކަށް ގަސްދެއް ނުކުރިއެވެ. އެ ދީދީ މި ފެއްޓެވީކީ ސިތާރާ މާ ފިކުރާވާ ވާހަކައަކަށް ނުވިއެވެ.
"ދުވަހަކު ވެސް އެ ކަމެއް ހަނދާނެއް ނުނެތޭނެ. ދަލޭކައަށް މަޢާފެއް ވެސް ނުކުރެވޭނެ!" ސިތާރާގެ ލޮލުން ނަފުރަތުގެ ކަނިތައް ބުރަންފެށިއެވެ.
"މާވަޑި ޢަލީ ދެކެ އަހަރެން ލޯބިވާ ވަރު އެންމެ ރަނގަޅަށް އެނގޭނީ ދަލޭކައަށް... އެއީ، މަގޭ ހުރިހައި ކަމެއް ހިއްސާކުރި މިތުރު... އެ ހުރިހައި ކަމެއް އެނގި ހުރެ ކީއްވެ ދަލޭކަ އައްޔާ ކައިވެނިކުރަންވީ؟" ސިތާރާގެ އަޑުގައި ހުރި ނަފުރަތާއި ރިހުން ސުލައިމާނުދީދީއަށް އިހުސާސްކުރެއްވުނެވެ. މި ޢަލީގެ އަވާގައި ނުޖެހޭ އަންހެނަކު މި ރަށުގައި އުޅޭނެ ބާވައޭ ސުލައިމާނުދީދީގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ.
"ވަކި ދަލޭކައާ އިނުމަކުން އައްޔަށް ލިބުނު މޮޅެއް ނެތް. މިހާރު އެ މީހުންގެ ކައިވެންޏަށް ހައެއްކަ އަހަރުވެދާނެ. އަދިވެސް ކުއްޖަކު ނުލިބޭ." ސިތާރާގެ ހިތުގައި ހުރި އުދާސްތައް ބޭރުކުރަމުން ދިޔައެވެ.
"އެ މީހުންގެ ކުއްޖަކު ނެތްތަ؟" ބުރުދާ ގައިމުކޮށްލައްވަން ސުލައިމާނުދީދީ ބޭނުންފުޅުވިއެވެ. އެ ގެއަށް ވަޑައިގެންވި ރޭ ވެސް، ގޭތެރޭގެ ތަރުތީބުކަމާއި ހަމަހިމޭންކަން ފެނިވަޑައިގެންފައި އެ ކަހަލަ އެއްޗެއް ހީފުޅުވެވަޑައިގަތެވެ.
"އާނ! ކުއްޖަކު ލިބޭތޯ ވަރަށް މަސައްކަތްކުރޭ! ބޭސްކުރާ މީހެއް، ފަންޑިތަވެރިއެއް، އެ މީހުން މި ކަމާ ނުދައްކާ މީހެއް މި ރަށުގައި، އަތޮޅުގައި، ކީއްކުރަން މުޅި މާލޭން އުތުރުގައި ވެސް ނޭނގެ ހުންނާނެ ކަމެއް! ޢަލީ މަސައްކަތުން އެ ހޯދާހައި ފައިސާއެއް އެ ޚަރަދުކުރަނީ އެ ކަމެއްށޭ ބުންޏަސް ދޮގަކަށް ނުވާނެ!... ވަކި ކޮން މޮޅެއް ވީ؟" ސިތާރާގެ ރުޅިގަނޑު އިންތިހާއަށް އަރައިފިއެވެ. އެ ރުޅިވެރި މޫނަށް ބައްލަވައިލައްވައި ސުލައިމާނުދީދީ ވިދާޅުވިއެވެ.
"ދެން އެ މީހުން، އެ މީހުންގެ ހާލައިގެން ދޫކޮށްލަމާ ހިނގާ!..." ދަލޭކައަށް ބަދު ބަހެއް މީހަކު ބުނާ އަޑު އައްސަވާކަށް ސުލައިމާނުދީދީއަކަށް ކެތެއް ނުކުރެއްވޭނެއެވެ. މޭގައި އަތް ޖައްސައިލައްވަމުން ވިދާޅުވިއެވެ.
"ޢަލީ ނުލިބުނިއްޔާ ވާނީ ކީއް؟ މި ހުރީނު މަ! ސުލައިމާނުދީދީ!... ކަމަކު ނުދޭތަ؟" ސުލައިމާނުދީދީގެ މި ވާހަކަތަކުން ސިތާރާ ގާތަށް ހިނި އަތުވެއްޖެއެވެ. ސުލައިމާނުދީދީ އެ ވިދާޅުވި އެއްޗަކާ މެދު ވިސްނައިލިއެވެ. ތެދެކެވެ. ސުލައިމާނު ދީދީއަކީ ހަސަބުން ވެސް ނަސަބުން ވެސް ހުރިހައި ގޮތަކުން ވެސް އައްޔަށް ވުރެ މަތީ ބޭފުޅެކެވެ. ގާތްގަނޑަކަށް ރަސްކަލަކާ އެއް ދަރަޖައެއްގެ ބޭފުޅެކެވެ. ރަސްގެފާނުގެ އިސް ވަޒީރެވެ. މި ވަގުތު ސިތާރާ ގާތުގައި ކަތީބުގޭ ޖޯލީގައި މިތާ އިންނެވިއެއް ކަމަކު މިއީ، އާދައިގެ ބޭކަލެއް ނޫނެވެ. ދުވަސްކޮޅަކުން އޭނާ ސުލައިމާނު ދީދީއާ ކައިވެނިކުރާނެއެވެ. އޭރުން ދެން އޭނާ ވެސް އުޅޭނީ ގަނޑުވަރު ތެރޭގައެވެ.
"އައްޗަކަޑާޑި." ސުލައިމާނުދީދީ ތުރުކުރައްވައިގެން އިންނެވި ގަމީސްކޮޅަށް ދިޔާ އެއްޗެހިތަކެއް އޮހުމާ އެކު ދުވި ނުބައި ވަހުން ފުންމައިގެން ތެދުވެވަޑައިގެން އަނގަފުޅާއި ނޭފަތްޕުޅާ އެކު އަތް އެޅުއްވިއެވެ. އެ ވަގުތު ހިކި ފަތްތައް މުރުމުރު ލައްވަމުން އެ ދިމާ ވަލު ތެރޭން ބަޔަކު ދުވެފައި ދާ އަޑުފައްގަނޑު އިވެމުން ދިޔައެވެ.
"މި ތާ މި އުޅެނީ ކޮން ބަޔެއް؟" ސިތާރާ ވަރަށް ބާރަށް ހަޅޭލަވައިގަނެއްޖެއެެވެ. އެ އަޑަށް ގޭތެރޭގައި ތިބި ކަތީބާއި މަރްޔަމް މަނިކެ ދުވަމުން އެ ތަނަށް އަތުވެއްޖެއެވެ. އޭރު ސުލައިމާނުދީދީ ހުންނެވީ ދޮރުމަތީގައި ފާނޫޒުގެ އަލިކަން ރީއްޗަށް ފޯރާ ހިސާބުގައި މަޑުކޮށްލައްވައިގެން ގަމީސްކޮޅަށް އެ އެޅުނީ ކޯއްޗެއްތޯ ބައްލަވާށެވެ. ކަތީބާއި މަރްޔަމް މަނިކެ ވެސް އެ ހިސާބަށް އަައިސް ނޭފަތުގައި އަތް އަޅައިފިއެވެ. ދުވާ ކުނިވަހުން އެ މީހުންނަށް ވެސް ނޯއްދަމައިލާކަށް ނުކެރުނެވެ.
"މިއީ އަޅެ ކޮން ބަޔަކު ކުރި ވިޔާނުދާ ކަމެއްތަ؟ ފިއްލެޔޮޖަހާކަށް ނުވާނެއެއްނު؟" އެ ދީދީގެ ގަމީސްކޮޅުގައި އެ ހުރީ ފިއްލެޔޮކަން މަރްޔަމް މަނިކެއަށް ކަށަވަރުވެއްޖެއެވެ.
"ޢީސަ ގޯތި އާދަނު ފިޔަވައި އެހެން މީހަކަށް މި ނުވާނެ." ކަތީބު ދަތްކުނޑި ވިކައިލިއެވެ.
"ކޮން އާދަނެއްތޯ؟" އާދަނަކީ ސުލައިމާނުދީދީ ދެނެވަޑައިގަންނަވާ މީހެއް ނޫނެވެ.
"އެއީ ސިތާރާއާ ކައިވެނިކުރަން ބޭނުންވެގެން އުޅޭ ސޮރެއް. އަޅުގަނޑުގެ ރުހޭ ބަސް ހޯދަން ކިތަންމެ ފަހަރަކު އަޅުގަނޑުގެ ގާތަށް މީހުން ފޮނުވައިފި. އެކަމަކު އެ ސޮރަކާ އަޅުގަނޑުގެ ދަރިފުޅެއް ނުދެވޭނެ..."
"އެއީ ކީއްވެތޯ؟ ސިތާރާ ދެކެ އާދަނު ކިހައި ލޯބިވާތީތޯ ތަކުރާރުކޮށް ކައިވެންޏަށް އެ އެދެނީ..." ސުލައިމާނުދީދީގެ ހިތްޕުޅަށް އަރައިވަޑައިގަތެވެ. ކަތީބު މިއީ ކޮން ކަހަލަ މޮޔައެއް ހެއްޔެވެ؟ ދަރިފުޅު ދެކެ އެހައި ލޯބިވާ މީހަކު ހުރި އިރު ވެސް އެ އުޅުއްވަނީ އެ މީހާއާއި ދަރިފުޅު ކައިވެނިކޮށް ނުދެއްވާށެވެ.
"ބައްލަވާ ވަޒީރު! އެ ސޮރަކީ ހައްދަވައިގެން މަސައްކަތެއް ކުރާ މީހެއް ނޫން. ނުވިތާކަށް ވިޔާނުދާ ވެގެން ނުކުރާކަށް ކަމެއް ހުންނާނެހެނެއް ހިޔެއް ނުވޭ... ވަގުރުކުއެޅުމާއި ރޭގަނޑު އަންހެން ކުދިން ގާތަށް ގޭގެއަށް ވަނުމާއިި ގޭގެއިން ވައްކަންކުރުމާ މިހެން ގޮސް އެ ސޮރާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަތައް ކޮޅުންނުލާނެ... އެންމެ ފަހުން އަޅުގަނޑާ ދިމާއަށް ބުނީ ތިމަންނަ ނޫން މީހަކާ ލާހިކެއް ނޫނޭ ސިތާރާ ދެވާކަށް... އެހެންވީމާ، ތި ކަމާ އާދަނާ ބޮޑަށް ވައްތަރީ."
"އަޅުގަނޑު އަތަށް ގަމީސް ދެއްވާފައި ނާނޭފުޅުފިއްލަވަން ވަޑައިގަންނަވާ! މިހާރު ދެން ވަރަށް ދަން ވެސް ވެއްޖެ." މައިކުލުނު އެކުލެވިފައިވާ އަޑަކުން އޯގާތެރިކަމާ އެކު މަރްޔަމް މަނިކެ ބުނެލިއެވެ.
"އެއީ ތެދެއް! ވަރަށް ދަންވެއްޖެ! މާދަމާ އަޅުގަނޑު އެންމެ ފުރަތަމަ ވެސް ބަލާނީ ތި މައްސަލަ." ކަތީބު ވެސް ބޭނުންފުޅުވީ ސުލައިމާނުދީދީ ގޭތެރެއަށް ވައްދުވާށެވެ. ސުލައިމާނުދީދީ ތުރުކުރައްވައިގެން ހުންނެވި ގަމީހުގެ ގޮއްތައް ނައްޓުވައި ގަމީސް ބާލުއްވާފައި މަރްޔަމް މަނިކެގެ އަތަށް ދެއްވިއެވެ. ސުލައިމާނުދީދީއާ ދިމާއަށް ސިތާރާ ބަލަހައްޓައިގެން ހުއްޓެވެ. ހަންގަނޑަށް ރޫޖެހި ކުޑަކޮށް މަސްތައް ދޫވެފައިވާ ހަށިގަނޑެކެެވެ. ޗޮކި ބަނޑެކެވެ. ބޮލުގެ އިތުރުން މޭމަތިން ވެސް ކޮންމެ ވެސް ވަރަކަށް ހުދު އިސްތަށި ފާޅުވާން ހުއްޓެވެ. އުމުރުގެ ގޮތުން ބަލާއިރު ކަތީބާ މާ ބޮޑު ފަރަޤެއް ހުންނާނެކަމަކަށް ނުފެނެއެވެ. އެ ތިން މީހުން އެކުގައި ގޭތެރެއަށް ވަނުމުން، ސިތާރާ ފުން ނޭވާއެއްދޫކޮށްލިއެވެ. ގޭތެރެއަށް ވަނުމުގެ ކުރިން އަދިވެސް އެއް ފަހަރު އެ ދިމާ ވަށައިގެން ބަލައިލިއެވެ. އެއްވެސް މީހެއްގެ ލިސާނެއް ވެސް އެ ތަނަކު ނެތެވެ. ވަށައިގެން ރަސްކަންކުރަމުން ދަނީ ކަނު އަނދިރިކަމެވެ.
އިރުއަރައި ބިންމަތި އަލިވުމުން ފުރަތަމަ ވެސް މަރްޔަމް މަނިކެ ދުއްވައިގަތީ ޖޯލިފައްޗާ ދިމާ ވަލު ކައިރިއަށެވެ. އެ ތަނުގައި އޮތް ކަޓޫރައެއްގެ އެތެރެ ބަލައިލި އިރު އޭގައި ފިއްލެޔޮ ހުރިތަން ފެނުނެވެ. މަރްޔަމް މަނިކެއަށް ކުރެވުނު ޝައްކު މި އޮތީ ޔަޤީންކުރެވިފައެވެ. އެ ވަގުތު ކަތީބު ވެސް އެ ތަނަށް ދުރުވެއްޖެއެވެ.
"މި އޮތީ އެ މީހުން ފިއްލެޔޮ އަޅައިގެން ގެނައި ކަޓޫރަ." އަތުގައި އޮތް ދަޅު ދައްކައިލަމުން މަރްޔަމް މަނިކެ ކަތީބަށް ދެންނެވިއެވެ.
"އާނ! އާދަނުގެ ކަންތައް ދެން މާ މައްޗަށް މި ދަނީ. އެބަޖެހޭ އެ ސޮރަށް ގޮތެއް ހަދަން." އާދަނު ދެކެ ރުޅިދުރުވެފައި ހުއްޓައި އަނެއްކާ މި ކުރި ކަމަކުން ވަރަށް ރުޅިގަދަވެއްޖެއެވެ.
އޭގެ ދެ ބޭކަލުން އެކުގައި ހެނދުނުގެ ނާސްތާ ނިންމަވައިލެއްވިތަނާ ނައިބުކަލޭގެއާއި މުދިންބެ ވެސް އެ ގޭ ދޮށަށް ދުރުވެއްޖެއެވެ. ދެ ފިކުރެއްގައި ހުންނަވައި ރޭގައި ހިނގި ކަންތަކުގެ ވާހަކަ މި ދެ ބޭފުޅުންނަށް ކަތީބު ކިޔައިދެއްވައިފިއެވެ. އެކަމަކު އެ ކަމެއް ހިނގިއިރު ސުލައިމާނުދީދީ ވާހަކަދައްކަވަން އިންނެވީ ސިތާރާއާ އެކު ކަމެއް ނުބުނުއްވައެވެ. އެ ފަދަ ޢިއްޒަތްތެރިއަކާ މެދު މިފަދަ ވިޔާނުދާ ޢަމަލެއް މި ރަށުގެ މީހަކު ނުވަތަ ބަޔަކު ހިންގީތީ އެ ދެ ބޭފުޅުންނަށް މެ ކަނާތުގެ ޝަހާދަތް އިނގިލި ކުރީގައި ދައިގަނެވިއްޖެއެވެ.
ކަތީބު އޮފީހަށް ދުރުވުމާ އެކީ މައްސަލަ ތަޙުޤީޤުކުރުން ކުރިއަށް ގެންދަވަން ފައްޓަވައިފިއެވެ. ކަތީބާ އެކު ސުލައިމާނުދީދީ ވެސް އޮފީހަށް ވަޑައިގެންވިއެވެ. ނައިބުކަލޭގެއާއި މުދިންބެ ވެސް އޮފީހަށް ދުރުވިއެވެ. އިސާހިތަކު، އާދަނު ހޯދަން ޢީސަ ގޯއްޗަށް ޕިޔޯނު ފޮނުވައިފިއެވެ.
އިރުކޮޅެއް ނުވެ ޕިޔޯނު އަތުވެއްޖެއެވެ. "ގޭގައި އުޅެނީ އެ ސޮރުގެ އަމާ، ފާތުމަ. ބުނީ އެ ސޮރުވީ އެ ސޮރުގެ ބަފައާ އެކު ހޯރަފުއްޓަށް ގޮހޭ. ދަނޑުގައި ހުރި ދަނޑިއަލުވިކޮޅާއި އެޅި ކާއްޓާއި ގަބުޅިކޮޅު ހިފައިގެން އެ ވިއްކައިލެވޭތޯ ގޮހޭވީ. މިހާރު ދެ ދުވަސް ވަނީއޭ ދިޔަ ފަހުން."
"އެހެންތަ؟ ނެތްތާ ދެ ދުވަސް ވަންޏާ، ރޭގައި އެ ކަން ކުރި މީހަކަށް އާދަނު ނުވާނެތާ!..." ސުލައިމާނުދީދީ ފިކުރުބޮޑުވެވަޑައިގަންނަވައިފިއެވެ. ކަތީބުގެ ހިތްޕުޅަށް އެރިއެވެ. މި ތެދަކަށް ނުވާނެއެވެ. މި ކަމުގައި އާދަނު ނައްޓާފައެއް ނުދާނެއެވެ. މި މީހުންނެއް މި ކަމުގައި ތެދެއް ނުހަދާނެއެވެ. ޔަޢުނީ މި ދެމަފިރިން ވެސް އެ މީހުންގެ އާދަނު، ކަތީބުގެ ސިތާރާއަށް ދެވަން ނުހަނު ބޭނުންވެއެެވެ.
"އެ މީހުން ރަށަށް އައިހާ އަވަހަކަށް މައްސަލަ ބަލާނަން. އެހެން ދުލެއް ނުކުރާނަން. އާދަނު ހިމެނޭނެ މި ކަމުގައި." ސުލައިމާނުދީދީއަށް ކަތީބު ޔަގީންކަން ދެއްވިއެވެ. ނަމަވެސް ސުލައިމާނުދީދީގެ ރާޑަރަށް އަރަނީކީ އާދަނެއް ނޫނެވެ. މާވަޑި ޢަލީއެވެ. ނާ ދޮށުން ދިމާވެގެން ޢަލީ ކަންތައް ކުރި ގޮތެވެ. މިސްކިތުން ދިމާވާ ފަހަރުފަހަރު ޢަލީ އެ ބަލައިލާ ގޮތެވެ. ޢަލީ ބުނާހެން ސުލައިމާނުދީދީއަށް ހީފުޅުވާ ކަހަލައެވެ. "ކަލޭ މަގޭ އަނބި ދަލޭކައާ ދިމާއަށް ފާޑުފާޑަށް ބަލަންޏާ ހަމަ ދެ ލޯ ކޮނެލާނީ" އެވެ.
މި ރަށުގައި ހުންނަވައިގެން ޢަލީއާ ކުރިމަތިލުުމުގެ ހިތްވަރެއް ސުލައިމާނުދީދީގެ ކިބަޔަކު ނެތެވެ. ދަލޭކަ ދެކިލާ ހިތް ކިތަންމެ ވަރަކަށް ވިޔަސް އެ ގޭ ފެންނަ ފަށަށް ވެސް ވަޑައިގަންނަވާކަށް ސުލައިމާނުދީދީއަކަށް ކެރިވަޑައެއް ނުގަންނަވައެވެ. އަނެއްކާ ރޭގައި މި އިވިވަޑައިގަތީ މަޖުނޫނެއް ކަހަލަ އާދަނެއްގެ ވާހަކައެވެ. ސިތާރާއާ ވާހަކަދައްކަވާކަން އެނގިއްޖެއްޔާ މީނާގެ ކަންތަކެއް ވެސް ވަކި ސަހަލައެއް ނުވާނެއެވެ. ހަމަ ތޮށަލި ތަކުރާ ޖެހުނު ވިގަންޏެކޭ އެއްގޮތްވާނެއެވެ.
"ކަތީބު! މާލެދާ އޮޑިއެއް އޮތްތޯ ބައްލަވައިދެއްވާ! ނާކޮޅުގެ ކަންކަން ހުރި ނެތް ގޮތް ވެސް މިހާރު ފެނިއްޖެތާ ދެއްތޯ؟ އަޅުގަނޑު މިހެން ގިނަ ދުވަހު ހުންނަންވެއްޖެއްޔާ މާލޭ ކޮޅުގެ ކަންކަން ވެސް ހުއްޓިދާނެ."
މި ރަށުން ވީހާ ވެސް އަވަހަކަށް ފުރައި ވަޑައިގަންނަވަން ސުލައިމާނުދީދީ ގަސްދުކުރެއްވިއެވެ.
ސުލައިމާނުދީދީ މި ރަށުން އަވަހަށް ފުރުވައިލައްވާކަށް ކަތީބު ބޭނުންފުޅެއް ނޫނެވެ. ރޭގައި ސިތާރާއާއި ސުލައިމާނުދީދީއާ ދެމެދު ދެކެވުނު ވާހަަކަ ވެސް މިހާރު އޮތީ ކަތީބުގެ ދެމަފިރިންނަށް އެނގިފައެވެ. އެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔުމަކީ އެ ދެމަފިރިންގެ އުއްމީދެވެ. އެހެންނަމަވެސް ސުލައިމާނުދީދީ މާލެ ވަޑައިގަންނަވަން ހިއްޕަވައިލައްވާފައި މިހާރު ހުންނެވީކީ ތިޔަހެންނެން ނޫނެވެ. އެހެންވީމާ ކަތީބު ވެސް ގިނަ ވަގުތު މިހާރު ހޭދަކުރައްވަނީ އަތިރިމަތީގައެވެ. މާލެ ދާ އުޅަނދެއް ރަށުގައި ބަނދަރުކުރޭތޯ ބެއްލެވުމަށެވެ.
މާލެއަށް ވަޑައިގަތުމަށް ގަސްދުކުރެއްވިތާ ދެވަނައަށް ވީ ދުވަހު ކަތީބު ވަރަށް ހަރުކޮށް ގެއަށް ދުރުވެ، މާލެ ދާ ބައްތެއްޔެއް ފަޅުގައި އޮތް ޚަބަރު ސުލައިމާނުދީދީއަށް ދެއްވައިފިއެވެ. ސުލައިމާނުދީދީ ދަތުރު އެރެހެއްޓުމަށް ސިތާރާއާއި މަރްޔަމް މަނިކެ ގޭގެ މައި ދޮރާ ހަމައަށް އަރިހުގައި ދިޔައެވެ. ވަކިވަމުން ސިތާރާގެ ގާތަށް ޖެހިވަޑައިގެން، ސިތާރާގެ ފެންކަޅިވެފައިވާ ދެ ލޮލަށް ބައްލަވައިލައްވަމުން ވިދާޅުވިއެވެ.
"ދެރަނުވޭ! ވަރަށް އަވަހަށް ސިތާރާ މާލެ ގެންދާނަން! މާލެ ދެވުމާ އެކު ފުރަތަމަ ވެސް އަހަރެން އުޅޭނީ މި ކައިވެނީގެ ކަންތައް ވީހާ ވެސް އަވަހެއްކުރަން. ސިތާރާގެ މަތިން ވަރަށް ހަނދާންވާނެ."
މަރްޔަމް މަނިކެއާ ދިމާއަށް ވިދާޅުވިއެވެ.
"ތި އެންމެންގެ މަތިން ވެސް ވަރަށް ހަނދާންވާނެ." މަރްޔަމް މަނިކެ ސިތާރާ ގެނެސް ގަޔާލައި ބޮނޑިކޮށްލިއެވެ. އިތުރަށް ދެން އެތާ މަޑުނުކުރައްވައި ކަތީބާ އެކު އަތިރިއާ ދިމާއަށް ސުލައިމާނުދީދީ ހިންގަަވަން ފެއްޓެވިއެވެ. ވަކި ހިސާބަކުން ނައިބުކަލޭގެއާއި މުދިންބެ ވެސް އެ މީހުންނާ އަރައި ހަމަކޮށްފިއެވެ.
ސުލައިމާނުދީދީ އިންނެވި ބައްތެލި މާރަންދޫގެ ފަޅުން ނުކުމެެގެން ހަރު ދުވެލީގައި ދެކުނަށް ދުވަމުން ދިޔައިރު، އަލްވަދާޢު ވިދާޅުވުމުގެ ގޮތުން ސުލައިމާނުދީދީ އަތްޕުޅު ހޫރަމުން ގެންދެވިއެވެ. އަތިރިމަތީގައި ތިބި މީހުން ވެސް އެ ދީދީއަށް އަލްވަދާޢު ކިޔުމަށް ޓަކައި އަތްތައް ހޫރުމުން ދިޔައެވެ. ކަތީބު ވެސް ސުލައިމާނުދީދީއަށް އަލްވަދާޢު ކިޔުއްވުމަށް ޓަކައި އުފުއްލެވި އަތް މަޑުމަޑުން ހޫރުވަމުން ގެންދަވައެވެ. ނައިބުކަލޭގެ އެއްސެވިއެވެ.
"ކަތީބު! އަތް ހޫރުވަނީތޯ؟ ނޫނީ އަތް ހޫރެނީތޯ؟" ނައިބުކަލޭގެ ވާހަކަދައްކަވަން ފެއްޓެވީމާ ކަތީބު ސިއްސައިގެން ހިނގައްޖެއެވެ. ވަށައިގެން ބައްލަވައިލެއްވިއެވެ. މާލެ އޮޑިއަށް ދަތުރު އެރެހައްޓަން އައި މީހުން ވެސް ގޭގެއަށް ގޮސް ނިިމިއްޖެއެވެ. ބައްތެލީގެ މޯހިރު ވެސް މިހާރު ފެންނާކަށް ނެތެވެ. އެހެން ނަމަވެސް ޚިޔާލުގައި ކުރެހުނު މަންޒަރުތައް ވަރަށް ސާފުކޮށް އެބަ ފެނިލައްވައެވެ. އެތެރެކޮއިލުތެރޭގައި ހުރި އުނދޯލިދާންކޮޅެއްގައި ސިތާރާ ވެޑުވިގެން އިން ގޮތެވެ. އަރިހުގައި ތިބި ބާންދީތައް ފަންކާ ވިއްސަމުން ދިޔަ ހިތްގައިމުކަމެވެ. ކަތީބާއި މަރްޔަމް މަނިކެ ގަނޑުވަރު ތެރޭގައި ކޮޅުކޮޅަށް ހިނގަމުން ދިޔަ މަންޒަރެވެ. މި ކަންކަން ހިތަށް އައުމުން އަނގައިގައި ހުރި ކޮލު ދަތްތައް ފެންނަ ވަރަށް ބޭ އިޚުތިޔާރުގައި ކަތީބު ގާތަށް ހިނިއަތުވެއްޖެއެވެ. ކަނާތުގެ ނުފުށުން، ނިތްކުރީގައި މަޑުމަޑުން ބޮނޑިއެއް ވެސް އެޅިއްޖެއެވެ.
(ނުނިމޭ)
https://thiladhun.wonstasite.com/51376
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!