ބޮޑު ކަންނެލި މަސްވެރިންނަށް އަވަހަށް ވެކްސިން ޖެހޭނެ ގޮތެއް ހަމަޖެހިގެން ދިޔުން ވަރަށް ބޮޑަށް އެދޭކަމަށް، ކަންނެލި މަސްވެރިންގެ ހައްގުގައި މަސައްކަތްކޮށް ވަކާލާތު ކުރާ ޖަމިއްޔާ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ)އިން ބުނެފިއެވެ.

ބީކޭއެމްޔޫގެ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު ނާޒިމް ވިދާޅުވީ، ކަންނެލި މަސްވެރިން ފެކްޓްރީތަކަށް ކަންނެލި ކިރުމަށްފަހު އަންނަނީ ހުޅުމާލޭ ބަނދަރަށް ކަމަށެވެ. އަދި ކޯވިޑްގެ ސަބަބުން ކަންނެލި މަސްވެރިން އެއްގަމަށް ނުފައިބާ ދޯނި ފަހަރުގައި ތިބޭތާ އެތައް މަހެއް ވެފައިވާ ކަމަށެވެ،

Ad
rt

''ކަންނެލި ކިރުމަށްފަހު މިއަންނަނީ ހުޅުމާލެ ބަނދަރަށް، އެކަމަކު ހާލަތު މިއޮތްގޮތުން ކަންނެލި މަސްވެރިން އެއްގަމަށް ނުފައިބާ ދޯނިފަހަރުގައި ތިބޭތާ އެތައް ދުވަހެއްވީ، ކާބޯތަކެތި ހޯދައި، ބޭނުންވާ ޒަރޫރީތަކެތި ދޯނި ފަހަރަށް މިގެންދަނީ އޯޑަރުދީގެން، އެކަމުގެ ސަބަބުން ތަކެތީގެ އަގުވެސް ބޮޑުވެގެން އެބަދޭ''

ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ކަންނެލި މަސްވެރިންނަށް ކޯވިޑް ވެކްސިން ދިނުން އަވަސް ކުރެވިއްޖެ ނަމަ އެ މަސްވެރިންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ. އެހެންކަމުން ވީއެންމެ އަވަހަކަށް އެ މަސްވެރިންނަށް ވެކްސިން ޖެހޭނެ އިންތިޒާމެއް ފަހިވެގެން ދިޔުން އެދޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ކޯވިޑް ކޮންޓްރޯލް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކަންނެލި މަސްވެރިން ފުރިހަމައަށް އަމަލުކުރަމުން ދާކަމަށެވެ.

ކަންނެލި މަސްވެރިން މިހާރުވެސް ދައްކަމުންދަނީ އިހުއްސުރެ ދައްކަމުންދާ ހިތްވަރު ކަމަށާއި، އެހެންކަމުން ކޯވިޑް ވެކްސިން ދިނުމުގައި ކަންނެލި މަސްވެރިންނަށް އިސްކަން ދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ އިލްތިމާސް ކޮށްފައެވެ.