އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް އެހީތެރިވުމަށް އިމްރާންގެ އުފަންރަށް ނޮޅިވަރަމްގައި މާދަމާ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އިމްރާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އިމްރާނަކީ މާލޭ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ.

Ad
rt

މިހާދިސާއާ ގުޅިގެން އެމްޕީއެލް އިން ބައެއް މީޑިއާތަކަށް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މުދާތައް ނެރުމުގެ މަސައްކަތް ކުރީ ''މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕު''ގެ ފަރާތުން ކަމަށެވެ. މި ހާދިސާ ހިނގީ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށް ކެރޭނުން ލޮރީއަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން ކަމަށް އެމްޕީއެލް އިން ވިދާޅުވެއެވެ.

ނޮޅިވަރަމްގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތައް ގުޅިގެން އިމްރާނަށް އެހީތެރިވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން މާދާމާ، 13 ފެބުރުވަރީ 2021 ވާ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ފާހަަގަކުރުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން އެ ހަރަކާތަށް އެހީތެރިކަން ހޯދުމަށް ރަށުގެ ހަތަރު ސަރަޙައްދެއްގައި މިހާރު ވެސް ވަނީ ފަންޑުފޮށި ބެހައްޓާފަ އެވެ.

މީގެ އިތުރުން ކަނބަލުންގެ ހެދިކާ ކެންޓީނެއް މާދަމާ ހަވީރު ރަށުގެ ބަނދަަރު ސަރަހައްދުގައި ހިންގަން ނިންމާފައިވާއިރު، މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން، ރިސޯޓުތަކުގައި މަސައްކަތްކުރާ ޓީމުތަކުން ވެސް މަސައްކަތު ދުވަހުގެ ފަންޑަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް އެރަށުން މައުލޫމާތު ދެއެވެ.

މި ހަރާތް ހިންގުމުގައި އިސްކޮށް މަސައްކަތްކުރާ ޒުވާނުންގެ ތެރެއިން މުޙައްމަދު ޒިޔާދު ''ތިލަދުން''އަށް ބުނީ އެ ހަރަކާތަކީ އިމްރާނަށާއި، އިމްރާންގެ ޢާއިލާއަށް ދިމާވި އެ ހިތްދަތިކަމުގައި ބައިވެރިވެ، އެހީތެރިކަން ފޯރުކޮށް ދިނުމަށް ރަށުގެ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

''އިމްރާނަށް އެހީތެރިވުމަށް ރަަށުގައި ރަޖިސްޓްރީކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށްވެސް ހިންގާ ކްލަބް ޖަމިއްޔާ ތަކުން ކޮންމެ ފަރާތެއް ތަމްސީލްކުރާ ދެ ކުއްޖަކު ބައިވެރިކޮށްގެން ފުރަތަމަ މަސްވަރާކޮށްލީ މިކަން ކުރިއަށް ގެންދަން، އެ މަޝްވަރާއިން ނިމުނު ކަންކަން މި ކުރިއަށް ދަނީ، މި ދުވަސްވަރަކީ ކޯވިޑްގެ ސަބަބުން ދަތި ދުވަސްވަރެއް ނަމަވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭނީ މުޅިރަށް ޝާމިލްވާހެން މަސައްކަތް ދުވަހެއް ފާހަގަކޮށްގެން ކަމަށް އެއްބަސް ވެވިގެން ކުރިއަށް މިދަނީ، ކޯވިޑްގެ ހާލަތުގައި އަޅުގަނޑުމެން މި ހަރަކާތް ކުރިއަށް ގެންދާނީ ގައިދުރުކަން ބަހައްޓައިގެން މާސްކް ވެސް އަޅައި، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް''

ޒިޔާދު ބުންޏެވެ.

މި ހަރަކާތަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ނޮޅިވަރަމާއި، އެހެނިހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ފުރުޞަތު ހުޅުވާލާފައިވާއިރު، އެ ރަށުގައި މާދަމާ މަސައްކަތު ދުވަސް ފެށޭނީ ހެނދުނު 7:30 ގައެވެ. ނަމާދު ވަގުތުތަކަށް މެދުކަނޑާލުމަށްފަހު އެ ހަރަކާތް ހަވީރު 16:30 އާއި ހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. އަދި އެއަށްފަހު އެ ހަރަކާތުން ލިބުނުއެހީގެ ތަފްސީލް ހާމަކޮށް، ޢާއިލާއާއި އެ އެހީ ހަވާލު ކުރުމަށް ވަނީ ނިންމާފަ އެވެ.

މާދަމާގެ ހިންގާ ހަރަކާތުގެ ތެރެއިން އިމްރާނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް:

މުޙައްމަދު ޒިޔާދު، ފޯނު: 7973667