ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުން އިންތިޒާމް ކޮށްގެން ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް ދިވެހި ބަސް ހެޔޮގޮތުގައި ބޭނުން ކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި އެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހި ބަހުގެ އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި "ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ މުބާރާތް 2021" ބޭއްވުމުގެ މަޤުޞަދަކީ ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ޤާބިލުކަން ސަރުކާރު މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމާއި، ސާފު ދިވެހިބަހުން މުޢާމަލާތު ކުރުމުގެ ޤާބިލުކަން އުފެއްދުމެވެ. އަދި ސަރުކާރުގެ ލިޔުންތައް އާންމު ކުރަން މަގުފަހި ކުރުވައި ސަރުކާރު މުވައްޒަފުންނަކީ ދިވެހިބަހުން ކުށް ނުލައި ލިޔަން ޝައުގުވެރިވާ ބައެއްކަމުގައި ހެދުމެވެ.

Ad
rt

މި މުބާރާތް ފަރުމާކުރެވިފައި ވަނީ މައިގަނޑު ދެ ބައެއް ހިމެނޭ ގޮތަށެވެ. ފުރަތަމަ ބަޔަކީ ކުށް ލަފުޒާއި ކުށް އިބާރާތުގެ ބައެވެ. މިބައިގައި ހިމެނެނީ އާންމުކޮށް ކިޔާ ކުށްކުށާއި ބޭނުންކުރާ ކުށް ލަފުޒާއި ކުށް އިބާރާތް ރަނގަޅުކުރުމެވެ. ދެވަނަ ބަޔަކީ އިމްލާގެ ބައެވެ. މިބައިގައި ހިމެނެނީ ލަފުޒު ވަކިކޮށްގެން ލިޔުމުގެ ބަޔާއި، ފިލި އަދި ސުކުން ބޭނުން ކުރުމުގެ ބަޔާއި އަދި ތިކިޖެހި ތާނަ ބޭނުން ކުރުމުގެ ބައެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެފައިވަނީ އޮންލައިންކޮށް ވަގުތުންނެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށެވެ.

މި މުބާރަތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 17 ފެބްރުއަރީ 2021 ވަނަ ދުވަހުގެ 14:00 އެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ގޫގުލް ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުމަށް އެ އެކަޑަމީން އެދިލައްވައެވެ.

މި މުބާރާތުގެ ވަނަވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާއިރު އެއްވަނަ އަށް 3000 ރުފިޔާ، ދެވަނަ އަށް 2000 ރުފިޔާ އަދި ތިން ވަނައަށް 1000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.