ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމް.ޓީ.ސީ.ސީ) އާއި ޙަވާލުކޮށްފިއެވެ.

‏މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީ.އޯ.އޯ ޝާހިދު ޙުސެއިން މޫސާއެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން 78،000 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 326 މީޓަރުގެ އެއްގަމުތޮށި ހެދުމާއި، 616 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 185 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 174 މީޓަރުގެ ނެރު ފައިކަށި ޖެހުމާއި، 2 ނެރުބައްތި ޖެހުމާއި، 58 މީޓަރު ގްރޮއިން ޖެހުމާއި، 40 މޫރިންގް ބޮއި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ބޭރުތޮށީގެ ބަނދަރާވީ ފަރާތުގައި ދެ ކޮންކްރީޓް ޖެޓީ އެޅުމާއި، ރޭމްޕް ހެދުމާއި، 45 ބަނދަރު ބައްތި ޖެހުމާއި، 4320 ސްކުއަރ މީޓަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ހއ. ދިއްދޫ ބަނދަރު ބޮޑުކޮށް ޖެޓީ ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. މި މަޝްރޫޢަށް ގާތްގަނޑަކަށް 69.8 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެ.

މީގެ އިތުރުން މުލަކުގައި މިފްކޯއިން ތަރައްޤީކުރާ ޕޯޓުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފަ އެވެ.

މި މަޝްރޫޢުގެ ދަށުން، 22،240 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 8،640 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. މީގެއިތުރުން 68.90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 3،200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭކަމަށް އެމްޓީސީސީއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ އަގަކީ 56.13 މިލިއަން ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 300 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މުލަކުގައި ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއުއަކީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އިސްނަގައިގެން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްވެރިންނަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް މިފްކޯއާއި ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމާއިއެކު މުލަކުގެ ޕޯޓަށް ބޮޑެތި ބޯޓުތަކަށް ކައިރިކުރެވޭނެއެވެ.