ެހދ. ކުޅުދުއްފުށި ސިޓީގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރަމުން އަންނަ ޕެންޓަގްރާމް އާއި އަދި ހެޔޮއެދޭ އެކިއެކި ފަރާތްތަކުން ވައިކަރަދޫގެ ރައްޔިތުންނަށް ބެހުމަށްޓަކައި އެ ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްފައިވާ މާސްކުތައް ބަހައިފިއެވ
މިކަމާއި ގުޅިގެން އެ ކައުންސިލުން ހާމަ ކޮށްފައިވާ މަޢުލޫމާތުގައިވަނީ 07 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި މާސްކު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަޖުބޫރު ކުރުމާއި ގުޅިގެން ވައިކަރަދޫގައި ދިރިއުޅޭ އެންމެންނަށް ބެހުމަށް ޕެންޓަގްރާމްގެ ފަރާތުން ހަދިޔާ ކޮށްފައިވާ ރިޔޫސެބަލް 850 މާސްކާއި، ސިންގަޕޫރު ސަރުކާރުގެ އެހީގައި ލިބިފައިވާ މާސްކުތައް ރަށުގައި ދިރިއުޅޭ ދެ އަހަރުންމަތީގެ އެންމެހާ ފަރާތްތަކަށް ބަހައި ނިމިފައިވާ ކަމަށެވެ.
ތިލަދުން ނޫހަށް މަޢުލޫމާތުދެމުން ވައިކަރަދޫ ކައުންސިލުގެ ރައީސް އަހްމަދު ނަސީމް ވިދާޅުވީ ހެޔޮއެދޭ ފަރާތްތަކުން ލިބިފައިވާ މާސްކުތައް މި މަހުގެ ހަވަނަ ދުވަހު އެ ރަށުގައި ދިރިއުޅެމުންދާ ދެ އަހަރުން މަތީގެ އެންމެންނަށް ބަހައި ނިންމާލެވިފައިވާ ކަމަށެވެ.
ނަސީމް އިތުރަށް ވިދާޅުވެފައިވަނީ އެންމެ އުފާވަނީ ރަށުގެ ރައްޔިތުންނާއި އަދި ރަށުގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުން އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް ގެއިން ބޭރުގައި އުޅޭ ހުރިހައި ވަގުތެއްގައި މާސްކު އަޅައިގެން އުޅޭތީ ކަމަށެވެ. ނަސީމްވަނީ ރައްޔިތުން މިކަމުގައި ދައްކަމުން ގެންދާ ކިޔަމަންތެރިކަމާއި ޤަވައިދުތަކަށް ތަބާވުމުގައި ދައްކަމުން އަންނަ ނަމޫނާއަށް ޝުކުރު އަދާކޮށްފައެވެ. އަދި މާސްކު ހަދިޔާކުރި އެންމެހާ ފަރާތްތަކަށާއި ހާއްސަކޮށް ޕެންޓަގްރާމްގެ އޯނަރ އަބްދުﷲ މާހިރުއަށް ނަސީމްވަނީ ވަރަށް ހާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
ޕެންޓްގްރާމްގެ އޯނަރ އަބްދުﷲ މާހިރު ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވެފައިވަނީ އެޗްޕީއޭއިން މާސްކު އެޅުން މަޖުބޫރު ކުރުމާއި ގުޅިގެން ރަށްފުށުގެ އެންމެންނަށް މާސްކު ހޯދުމުގައި އުނދަގޫތަކެއް ހުންނާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ވުމާއިއެކު އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދިނުމުގެ ގޮތުން މާސްކު ލިބޭ މިންވަރަކުން ހދ.އަތޮޅުގެ ރަށްތަކަށް ޕެންޓަގްރާމްގެ ފަރާތުން މާސްކު ބަހަމުން ގެންދާނެ ކަމަށެވެ.
މާހިރު އިތުރަށް ވިދާޅުވެފައިވަނީ މިފަދަ ދަތި ހާލަތެއްގައި ރައްޔިތުންނަށް މާސްކު ހަދިޔާކުރުންފަދަ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވިޔަފާރިވެރިން ވީވަރަކުން ކުރަން ޖެހޭނެ ކަމެއްކަމަށް ޤަބޫލު ކުރައްވާކަމަށެވެ. ސަބަބަކީ ވިޔަފާރިތައް ބަރޯސާވެފައި ވެސް މި އޮންނަނީ ރައްޔިތުންގެ މައްޗަށް ކަމުގައިވުމެވެ.
7 February 2021 in feshigen hurihaa rashehga mask elhun Health Protection Agency in majubooru kurumaa gulhigen...
Posted by Secretariat of The Vaikaradhoo Council on Wednesday, February 10, 2021
މި ޕްރޮގްރާމްގެ ދަށުން ޕެންޓަގްރާމްގެ ފަރާތުން ފުރަތަމަ މާސްކު ހަދިޔާކޮށްފައި މި ވަނީ މާހިރުގެ އުފަންރަށްކަމުގައިވާ ވައިކަރަދޫއަށެވެ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ރަށަކަށް މާސްކު ހަދިޔާކުރުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ޕެންޓަގްރާމް ފާހަގަ ކުރަވެނީ ހދ.އަތޮޅުގައި ހިންގާ ގިނަ ކުޅިވަރު ހަރަކާތްތަކަށް ވެސް ފުޅާދާއިރާއެއްގައި އެހީތެރިވަމުން އަންނަ ފަރާތެއްގެ ގޮތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!