ރޭ ގއ. މާމެންދޫގައި ހިނގި މާރާމާރީއެއްގައި 17 އަހަރުގެ ކުއްޖަކު މަރާލި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި ހާދިސާއާއި ގުޅޭ މަޢުލޫމާތު ހާމަކުރަށްވަމުން ފުލުހުން ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ތިން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއްގެ އިތުރުން 27 އަހަރުގެ މީހެކެވެ.

Ad
rt

ރޭގެ މާރާމާރީގައި މަރުވެފައި ވަނީ ގއ. މާމެންދޫ، ލީލީ އޮފްދެ ވެލީ އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔުއެވެ. އަދި މި މާރާމާރީގައި ލިބުނު ސީރިއަސް ޒަހަމްތަކަށް އޭނާގެ އެއްބަނޑު އެއްބަފާ ދެބެއިންނަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން މި މާރާމާރީގައި ޒަޚަމްވި 21 އަހަރުގެ ޒުވާނަކަށްވެސް ގއ. އަތޮޅު ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. މި ޒުވާނާގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގިތާ މާގިނަ އިރުތަކެއް ނުވެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިއަދު ހެނދުނުގެ ވަގުތެއްގައި މައްސަލައިގެ ތަހުގީގަށް އެ ރަށަށް ދާނެކަމަށެވެ.

މި މާރާމާރީއާއި ގުޅޭ އިތުރު ތަފްޞީލް ފުލުހުން ހާމަކުރަށްވާފައި ނުވާއިރު، މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުން މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީއެކެވެ.