މި ރާއްޖޭގައި ބަނޑިޔާ ޖަހައި މިއުޒިކު ކުޅެއުޅުނު ކަމަށާއި، ނަމަވެސް ވަކި ފިކުރެއްގެ ބަޔަކު އައިސް އެއީ ހަރާން ކަމެއްގެ ގޮތުގައި މުޅި ރާއްޖޭގެ މީހުންނަށް ދައްކައި ޒުވާނުން ބިރުގަންނުވައި، ހާސްކަމުގައި ބައިތިއްބައިގެން މަގުފުރައްދާ ނިމިއްޖެ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ.
ދޮންބިލެއް އަޙްމަދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައި، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.
އެ ޤަރާރަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، އެ ގަރާރަކީ ޙަޤީޤަތުގައި ވެސް މި ވަގުތު ދިވެހިރާއްޖެއަށް ވަރަށް މުހިންމު ޤަރާރެއް ކަމަށެވެ. އަދި އެއީ ދިވެހި ރައްޔިތުން ކާފަރުކުރާ، ނޫނިއްޔާ ދިވެހި ރައްޔިތުން ދީނުން ބޭރުކުރާ، ނޫނީ ދިވެހި ރައްޔިތުންގެ މުޅި ސަގާފަތް އޮޅޭ ގަރާރެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑުމެން ކުޑައިރު ވެސް މި ރާއްޖޭގައި ބަނޑިޔާ ވެސް ޖެހި. މި ރާއްޖޭގައި މިއުޒިކުކުޅެއުޅުނު. އަޅުގަނޑު ކުޑައިރު ވެސް އަޅުގަނޑުމެންނަށް ފެންނަމުން އައި މަންޒަރެއް އެއީ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވަކި ބަޔަކު އައިސް، ވަކި ފިކުރެއްގެ ބަޔަކު މިއީ ހަރާން ކަމެއްގެ ގޮތުގައި މުޅި ރާއްޖޭގެ މީހުންނަށް ދައްކައި، ބިރުވެރިކަމެއްގެ ތެރޭގައި، ހާސްކަމެއްގެ ތެރޭގައި އަޅުގަނޑުމެންގެ މުޅި ޒުވާނުން މަގުފުރައްދާ ނިމިއްޖެ. މިއީ ހަރާން ކަމެއްގެ ގޮތުގައި ދެކެނީ،''
ދޮންބިލެތް އަޙްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަން އެހެން ކުރިނަމަވެސް އެއީ ހަރާން ކަމެއް ކަމަށް ގަބޫލުކޮށްގެން ހުންނަ މީހާ ވެސް ވަގުވަގަށް ލަވަޖަހައި ލަވަ އަޑުއަހާ ކަމަށެވެ. ނޫނީ ލަވަޖަހައި، ރޭޑިއޯއެއް ފެނުނަސް ގަންނަ ކަމަށެވެ. އަދި ހަރާމް ކަމެއް ކަމަށް ބުނަމުން ރަނގަޅު ފިލްމެއް ފެނުނަސް ބަލާ ކަމަށާއި، ''މި ހުރިހާ ބޭފުޅުންނަކީ ވެސް މި ކަންކަން ކުރައްވާ ބޭފުޅުން'' ކަމަށް އޭނާ ވިދާޅުވިއެވެ.
''ޕީ.ޕީ.އެމްގައި ވެސް، ދެންމެވެސް އަޅުގަނޑު ކުޑަދަށަށް ދިޔައިރުގައި ނައިފަރުގެ މެންބަރު އިއްޒަތްތެރި މެންބަރު ޝިޔާމް ވެސް އިންނެވީ ކަންފަތަށް އިޔަރ ފޯނެއް ޖަހައިގެން ލަވަޖަހަން. އެކަމަކު ދެންމެގައި އޭގެ ކުރިން މިތާނގައި ދެއްކެވީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫނޭ، އެހެންވީމާ، އިއްޒަތްތެރި ރައީސް، މި ދައްކަން އުޅޭ ވާހަކައަކީ، ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ޤައުމީ ވިސްނުމަކުން ވާހަކަފުޅުދައްކަވާށޭ. ހަމައެކަނި ސިޔާސީ ބޭނުމަކަށް ވޯޓު ހޯދުމަށްޓަކައި ދީނޭ ކިޔައިގެން ވާހަކަ، އަޅުގަނޑުމެން ވެސް މިތިބީ އިސްލާމް ދީނުގައި،''
އޭނާ ވިދާޅުވިއެވެ.
ދޮންބިލެތް އަޙްމަދު ވިދާޅުވީ މި ރާއްޖޭގައި މިއުޒިކުކުޅޭ ވަރަށް ފަންނީ މޮޅެތި ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. ނަމަވެސް މިއަދު އެ ބޭފުޅުން އެ ތިބެނީ ލަވައެއް ކިޔާލުން ވެސް ބިރުން ކަމަށް އޭނާ ވިދާޅުވިއެވެ.
''އިއްޒަތްތެރި ރައީސްގެ އެ ބިރުވެރިކަން މި ރާއްޖޭގައި ވަރަށް ބޮޑަށް ގާއިމުކޮށްފި ބަޔަކު، އެހެންނަމަވެސް، ދިވެހި އެއްވެސް ސަރުކާރަކުން މިއުޒިކުކުޅުން، ލަވަކިޔުން، ފިލްމު ބެލުން މަނާކޮށްފައެއް މިހާތަނަކަށެއް ނެތް. ކީއްވެގެންތޯ ދިވެހި ސަރުކާރުން އެކަން މަނާނުކުރަނީ؟ ވަކި މި ސަރުކާރެއް ނޫން، މިދިޔަ ސަރުކާރުން ވެސް އޭގެ ކުރީ ސަރުކާރުން ވެސް، އޭގެ ކުރީ ސަރުކާރަކުން ވެސް މި ދިވެހިރާއްޖޭގައި ލަވަކިޔައި، މިއުޒިކުކުޅެ، ނަށާއުޅުމަކީ މަނާ ކަމެއް ނޫން. އެހެންނަމަވެސް، ވަކި ބަޔަކު ވަކި ގޮތަކަށް މި ކަންކަން މަނާކޮށް، ވަކި ބައެއްގެ ވަކި ގޮތަކަށް މީހުން ބައްޓަންކުރަންވެގެން ކުރާ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެންނަށް ދައްކައިގެން އުޅޭ ހުވަފެނެއް މިއީ.''
އޭނާ ވިދާޅުވިއެވެ.
އެ ތަކުރާރުކޮށް އެ ޤަރާރުގެ މުހިންމުކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެ ގަރާރަކީ މި ވަގުތު ދިވެހިރާއްޖެއަށް ވަރަށް މުހިންމު ގަރާރެއް ކަމަށާއި، ޚާއްޞަކޮށް މި މާލެއަށް މުހިންމުކަން ބޮޑު ޤަރާރެއް ކަމަށެވެ.
''މާލޭގެ އިއްޒަތްތެރި މެންބަރު ޙުސަން ލަތީފް އެ ހުށަހެޅުއްވީ މާލޭގެ ރައްޔިތުންނަށް އެކަންޏެއް ނޫން. މި މާލޭގައި ދިރިއުޅެނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން، މި ރާއްޖޭގެ ހުރިހާ ރައްޔިތުން ދިރިއުޅޭ އެއް ތަނަކީ މާލެ އެންމެ ބޮޑު އަދަދަކަށް. އެހެންވީމާ، މާލޭގައި ފުރަތަމަ މި ކަންކަން ފަށަންޖެހެނީ. އަޅުގަނޑުމެންގެ ކޮންމެ ކަމެއް ވެސް އެންމެ ފުރަތަމަ ރާއްޖޭގައި ފެނިގެންދަނީ މާލޭގައި، އެއީ މާލޭގައި މީހުން ގިނައީ، އެކި ކަންކޮޅުތަކުގެ. އެހެންވީމާ، މިއަދު އަޅުގަނޑުމެން މި ކުރަން ފަށާ މަސައްކަތަކީ، މި ރާއްޖޭގައި އެބަތިބި ދުނިޔޭގެ ފެންވަރުގެ މިއުޒިޝަނުން. އަޅުގަނޑުމެންގެ ކުރިމަތީގައި ފެނިފައި އެބަތިބި ދުނިޔޭގެ ފެންވަރުގެ މިއުޒިޝަނުން. އެހެންނަމަވެސް، އެ ބޭފުޅުންނަށް މިއަދު ފުރުޞަތެއް ނެތް. އެ ފުރުސަތު ނެތީމާ އެ ބޭފުޅުން އެ ދަނީ މަޑުމަޑުން މަޑުމަޑުން ދުރަށް ގޮސް ކިހިނެއްތޯ ދެން މި ވަނީ؟ އިއްޒަތްތެރި ރައީސް މަޑު މަޑުން ހަލާކުވެގެންދަނީ އެހެން ކޮންމެވެސް އެހެން އޮއިވަރެއްގައި ޖެހި، މުޅިން އެހެން ދިމާލަކަށް. އަޅުގަނޑުމެން މާ އުފާކުރާ ކަމެއް ނޫން، މި ރާއްޖޭގައި ހަމަ ރަނގަޅަށް ކުޅިވަރުކުޅެއުޅުނު މީހުން ކުއްލިއަކަށް މުޅި މީހާގެ ސިފަބަދަލުވެ، މުޅި މީހާ އެހެން މީހަކަށް ބަދަލުވެގެންދިއުން.އެއްވެސް އެއްޗެއް ނޭނގި ކުއްލިއަކަށް މީހަކު ދައްކާ ވާހަކައަކަށް މުޅި މީހާ ބަދަލުވެގެން ދާކަށެއް ނުވާނެ''
ދޮންބިލެތް އަޙްމަދު ވިދާޅުވިއެވެ.
ރަށްތަކުގައި އެންމެ ބޮޑަށް އެކުވެރިކަން އާލާކޮން އެންމެ ބޮޑަށް ކުރި އެއް ކަމަކީ މާލޫދުކިޔުން ކަމަށާއި، މިއަދު އެކަން ވެސް ވަނީ ހުއްޓައިލާފަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މާލޫދުކިޔުމަކީ ވެސް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އަށަގަނެފައި އޮތް ހަމަ ރަނގަޅު ސޯޝަލް ހަމަ ގެދަރިންއެއް ކަމަށެވެ. އެހެންނަމަވެސް، އެކަން ވެސް ދޫކޮށްލައި، އެއާއެކުއެކީގައި ހެން ބަނޑިޔާޖެހުން ވެސް ވަނީ ދޫކޮށްލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިންގެ ތެރޭގައި މިއުޒިކުކުޅުން ވެސް ހުއްޓާލައިފި ކަމަށާއި، ކުޅިވަރުކުޅުން ވެސް މިހާރު ދަނީ މަޑު މަޑުން ހުއްޓާލާ ހިސާބަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!