ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގައި އޭނާ ގެއްލުނު ރޭ، އޭނާ ދިރިއުޅުނު ފްލެޓު ކައިރިން ފެނުނު ވަޅިއާއި ގުޅޭ ސާބިތުހިފޭ ސައްހަ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް 500،000 ރުފިޔާގެ ފައިސާ އިނާމެއް ހުށަހަޅައިފި އެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން މިއަދު ވަނީ އެ ވަޅީގެ ފޮޓޯއެއް އާންމުކޮށް، ބަޔާނެއް އާންމު ކޮށްފަ އެވެ.

Ad
rt

އެ ބަޔާނުގައި އެ ކޮމިޝަނުން ބުނީ އެ ވަޅިއަކީ އޯގަސްޓް 7، 2014 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ރިލްވާން ހުޅުމާލެގައި ދިރިއުޅެމުން ދިޔަ ފްލެޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއް ކަމަށެވެ.

އެ ވަޅިއާ ބެހޭ އެއްވެސް މައުލޫމަތެއް އެނގޭ މީހެއް ވާނަމަ، އެ މައުލޫމާތެއް މަރު ކޮމިޝަނާ ހިއްސާކޮށްދިނުމަށް ވަނީ އެދިފަ އެވެ.

"ވަޅިއާ ގުޅޭ ގޮތުން ނުވަތަ ނުވަތަ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އަހްމަދު ރިލްވާން އަބްދުﷲ ގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭ ވަރުގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000 (ފަސްލައްކަ) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ."

އެ ބަޔާނުގައި ވެއެވެ.

މައްސަލައާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ސިއްރު ހިފަހައްޓައިދޭނެކަމުގެ ޔަގީންކަން މަރު ކޮމިޝަނުން ވަނީ ދީފައިވާއިރު، އެ މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ، ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި އެ ނަންބަރުން ވައިބާ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށް ވެސް މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އަނިޔާވެރިގޮތަކަށް މަރައިލި ނޫސްވެރިޔާ ޔާމީން ރަޝީދު އާއި، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، ހުއްޓާނުލާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީހް ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 8 ވަނަ ދުވަހު، 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައެވެ.

އެ ހަފްލާގައި ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ ހަފްލާއެެއް ކުރިއަށްދާއިރު، ސިކުނޑިއަށް އަންނަނީ، ގެއްލުވައިލާފައިވާ ނޫސްވެރިޔާ ރިލްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ހަނދާންތައް ކަމަށެވެ. އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، ހުއްޓައެއް ނުލާ ކަމަށާއި، އެއީ އުނދަގޫ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރިލްވާން ގެއްލުވާލީ 2014 ވަނަ އަހަރުގެ އޯގަސްޓް އަށް ވަނަ ދުވަހު އެވެ. އޭނާ އެންމެ ފަހުން ފެނުނީ ހުޅުމާލޭ ފެރީ ޓާމިނަލުގައި ކަޅު ކުލައިގެ ގަމީހަކާއި ފަޓުލޫނެއް ލައިގެން، ދަބަހެއް އަޅުވައިގެން ހުއްޓަ އެވެ. ރިލްވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެކެވެ.

އެ ކޮމިޝަނުން މީގެ ކުރިން އެކުލަވާލި ރިޕޯޓުގައިވަނީ ރިލްވާނު ހުޅުމާލެއަށް ދިޔަ ފަހުން ކާރަކަށް އަރުވައިގެން ރަހީނު ކުރުމަށްފަހު ޑިންގީއަކަށް އަރުވައިގެން އއ. އުކުޅަހު ދޯންނަކަށް ގެންގޮސް މަރާލާފައި ކަނޑުފެއްތީ ކަމަށެވެ. ރިލްވާނުގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ދައުވާކޮށްފައި ނުވި ނަމަވެސް މަރު ކޮމިޝަނުން އަދިވެސް ދަނީ އޭނާގެ މަރާ ގުޅޭ ތަހުގީގު ހިންގަމުންނެވެ.