ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ކުރިއަށް ގެންދާ ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ދަށުން، އުމުރުން 70 އަހަރުން މަތީ މީހުންނަށް ކޯވިޑް19 ވެކްސިން ދިނުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުން ވަނީ މިމަހުގެ 4 ،5 އަދި 6 ވަނަ ދުވަހު ވެސް އުމުރުން 70 އަހަރުން މަތީ މީހުންނަށް ކޯވިޑް ވެކްސިން ދީފައެވެ. މިއަދު އެ ހޮސްޕިޓަލުން ވިދާޅުވީ އެ އުމުރުގެ މީހުންނަށް ވެކްސިން ދިނުން މިއަދާއި، މާދަމާ އަދި އޭގެ އަނެއް ދުވަހުވެސް ކުރިއަށް ދާނެ ކަމަށެވެ.

Ad
rt

އެ ހޮސްޕިޓަލުން މި ޕްރޮގްރާމް ހިންގަނީ އެ ހޮސްޕިޓަލް ގާއިމުކޮށްފައިވާ ކުޅުދުއްފުށީ ސިޓީގެ ''އުފަންހިޔާ'' އިމާރާތުގައެވެ. އަދި ޚިދުމަތް ފޯރުކޮށްދޭ ގަޑިއަކީ މެންދުރުފަހު 15:00 އިން ހަވީރު 17:00 އެވެ.

ވެކްސިން ޖަހަންދާއިރު، އައިޑީކާޑުގެ އިތުރުން ދާއިމީ ބައްޔަކަށް ބޭސް ކުރާނަމަ އެބައްޔަކާއި ގުޅިގެން ޑަކްޓަރަށް ދެއްކި ލިޔުންތައް ގެންދިޔުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

ކޭއާރުއެޗްގެ އެ މަސައްކަތަށް އައިޖީއެމްއެޗްގެ ޑަކްޓަރު ޑރ. މުޙައްމަދު ޢަލީ ވަނީ ސާބަސްދެއްވާފައެވެ. ޑރ. ޢަލީ އަކީ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.

ރާއްޖޭގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ކޯވިޑް ވެކްސިން ދިނުމުގެ ގައުމީ ހަރަކާތް ''ކޯވިޑް-19 ދިފާޢު'' ފަށާފައިވާއިރު، މި ވެކްސިންގެ ފުރަތަމަ ޑޯޒު ދިނީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ޑރ. ޝިރާނީ އަށެވެ.

އެއަށްފަހު އުތުރުން އެންމެ ފުރަތަމަ އެ ވެކްސިންޖެހީ ހަމަ ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު، އަހްމަދު ދާއޫދެވެ. ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ކޭއާރުއެޗުން ވެސް ގެންދަނީ ކޯވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަމުންނެވެ.

ވެކްސިން ޕްރޮގްރާމްގެ ދަށުން އެންމެ ފުރަތަމަ ވެކްސިން ދޭ މީހުންގެ ތެރޭގައި ހިމެނެނީ، ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ވޯކަރުން އަދި އެއަށް ފަހު އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. އެއަށްފަހު 18 އަހާރާއި 50 އަހަރުގެ ތެރެއިން ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި، ޕޮލިހުންގެ އިތުރުން ޓޫރިޒަމް އިންޑަސްޓްރީގެ މީހުންނަށް ވެކްސިން ޖަހާނެއެވެ.

ރާއްޖޭގައި ޖަހަން ފެށި ވެކްސިނަކީ އިންޑިއާގެ ސީރަމް އިންސްޓިިޓިއުޝަނުން އުފައްދާފައިވާ ކޮވީޝީލްޑް ވެކްސިނެެވެ. އިންޑިއާ އިން ރާއްޖެ އަށް މި ވެކްސިންގެ 100،000 ޑޯޒް ހަދިޔާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. މިއިން 50،000 މީހެއްގެ ގަޔަށް ވެކްސިން ޖަހާނެއެވެ.

ރާއްޖޭގައި މިހާތަނަށް 9752 މީހަކު ވަނީ ކޮވިޝީލްޑް ވެކްސިން ޖަހައިފަ އެވެ. ވެކްސިން ޖެހި އެއްވެސް މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ ފަދަ ސީރިއަސް ސައިޑް އިފެކްޓެއް ދިމާވެގެން ރިޕޯޓުކޮށްފައި ނުވާކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.