ސްޕެނިޝް ލަލީގާގައި ރެއާލް ބެޓިސްއާއި ބާސެލޯނާ ބައްދަލުކުރި މެޗު ބާސާއިން ކާމިޔާބު ކޮށްފިއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ބެޓިސްއިންނެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ބެޓިސްއަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ފޯވަޑް ބޮރާހާ އިގްލީސިއަސްއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ބެޓިސް ކުރީގައި އޮވެގެންނެވެ.
ބާސާގެ ކޯޗް ރޮނާލް ކޫމަންގެ މި މެޗަށް ނެރުނު ފުރަތަމަ އެގާރާގައި އެ ޓީމްގެ ކެޕްޓަން ލައިނަލް މެސީ ހިމަނާފައި ނުވެއެވެ. މެސީ ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައި ރިކީ ޕުއިގްގެ ބަދަލުގައެވެ. މެސީ ކުޅެން ނުކުމެ ވަނީ ތަފާތު ދަށްކާފައެވެ. މިގޮތުންމެސީ ކުޅެން ނުކުތްތާ ތިން މިނެޓް ފަހުން މެސީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިއީ މި ސީޒަންގައި މެސީ ކާމިޔާބުކުރި 16 ވަނަ ލަނޑެވެ.
މެޗުގައު ބާސާއަށް ފުރަތަމަ ފަހަރަށް ލީޑު ލިބިގެން ގޮސްފައިވަނީ 68 ވަނަ މިނެޓުގައި ބެޓިސްގެ ޑިފެންޑަރ ވިކްޓަ ރުއިޒްއަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް 75 ވަނަ މިނެޓުގައި ރުއިޒްވަނީ ބެޓިސްއަށް ލަނޑުޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ރުއިޒް ކާމިޔާބު ކޮށްފައިވަނީ ބާސާގެއޭރިއާގެ ކައިރިން ލިބުނު ހިލޭޖެހުން އެ ޓީމްގެ ނަބީލް ފެކިރް ބާސާގެ ގޯލް ކުރިމައްޗަށް ހުރަސްކުރި ވަގުތު ބޮލުންޖަހައި ގޯލުގެެ ތެރެއަށްް ފޮނުވާލައިގެންނެވެ. މި ލަނޑާއިއެކު މެޗު އެއްވރުވެގެން ނިމެންދަނިކޮށް މެޗުގެ ފުރިހަމަ ވަގުުތު ހަމަވާން ތިން މިނެޓށްވެފައި ވަނިކޮށް ބާސާ މޮޅުކޮށްދީފައިވަނީ ބަދަލު ކުަަަޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އެ ޓީމްގެ ބްރެޒިލް ޒުވާން ފޯވާޑް ޓްރިންކާއޯއެވެ.
މި މެޗުން ލިބުހު ތިން ޕޮއިންޓާއިއެކު 21 މެޗުން 43 ޕޮއިންޓް ހޯދައިގެން ބާސާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ ދެވަނާގައެވެ. ތިންވަނާގައި އޮތް ރެއާލް މެޑްރިޑަށް ވެސް ވަނީ 21 މެޗުން 43 ޕޮއިންޓް ލިބިފައެވެ. މިވަގުތު ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 19 މެޗުން 50 ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!