ށ. ފޭދޫގައި ސަރުކާރުން ތަރައްގީ ކުރި ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ދަނޑު ހުޅުއްވައި ދެއްވީ ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރާއި، އެ އަތޮޅު ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދެވެ.

Ad
rt

ފޭދޫ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ގޮތުން ފޭދޫއާއި ގޮއިދޫއާއި ދެމެދު ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައެވެ. މި މެޗް 8-1 ލަނޑުން ކާމިޔާބު ކުރީ ގޮއިދޫ ޓީމެވެ.

ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު "ތިލަދުން"އަށް ވިދާޅުވީ، އެރަށުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި، ބޭނުން ކުރަން ފެށޭގޮތް ވުމަކީ އެރަށުގެ ޒުވާނުންގެ ދުވަސްވީ އުންމީދެއް ފުރިހަމަ ވެގެން ދިޔުން ކަމަށެވެ.

"ކުރީ ސަރުކާރުގައި އޭރުގެ އެމްއާރުޑީސީން މި ދަނޑުގެ މަސައްކަތް ފެށީ، އޭރު ކޮންކްރީޓް ބީމެއް އެކަނި ދުއްވާފައި އޮތީ، ފަހުން އެފްއޭއެމް ޓީމެއް ވެސް ފޮނުވި މިކޮޅަށް އެކަމު ދަނޑުގެ މަސައްކަތް އަލުން ފެށޭގޮތް ނުވެ އޮތީ، މި މަސައްކަތް އަލުން ފެށުނީ އޭގެ އަހަރެއްހާ ދުވަސް ފަހުން މި ސަރުކާރުގައި، މިއަދަކީ ދަނޑުގެ މަސައްކަތް ނިމި މި ދަނޑުގައި ކުޅެން ފެށުނު ދުވަސް"

ސާމިރު ވިދާޅުވިއެވެ.

ދެކައުންސިލްގެ ރައީސުން ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވަނީ، ފޮޓޯ: ފޭދޫ ކައުންސިލް

ސާމިރު ވިދާޅުވީ، ރަސްމީކޮށް ދަނޑު ހުޅުވަން ބޭނުންވީ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފަށް ނުވަތަ އެ ވުޒާރާގެ އެހެން އިސްވެރިއަކަށް ބައިވެރިވެ ވެވޭ ރަސްމިއްޔާތެއްގައި ކަމަށެވެ. ނަމަވެސް ކޯވިޑްގެ ހާލަތުގެ ސަބަބުން އެ ފުރުޞަތު ފަހި ނުވީކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މިރަށުގެ ޒުވާނުން ބޭނުންވީ އެހެން ރަށަކާއެކު ކުޅޭ މެޗަކުން މި ދަނޑު ހުޅުވައި ކުޅެން ފަށަން، އެ ގޮތުން އަވަށްޓެރި ގޮއިދޫ މި ޚިޔާރު ކުރީ"

ސާމިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެރަށުގެ ޒުވާނުންގެ މި ބޮޑު އުންމީދުގައި ކުލަ ޖައްސައިދިނީތީ އަދުގެ ސަރުކާރަށާއި، ދާއިރާގެ މެންބަރު ޢަބުދު ﷲ ޝަހީމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ދަނޑު ހުޅުވަން ކުޅުނު އެކުވެރިކަމުގެ މެޗްގައި ކުޅުނު ފޭދޫ އަދި ގޮއިދޫ ޓީމް، ފޮޓޯ: ފޭދޫ ކައުންސިލް

މީގެއިތުރުން އެ މަސައްކަތް ކުރަމުން ދިޔައިރު، ރަނގަޅު ފެންވަރެއްގައި އެ ދަނޑު ތަރައްގީ ކުރުމަށް، އެެ މަސައްކަތް ކުރެވެމުން ދިޔަ ފެންވަރު ވަޒަން ކުރުމަށް އެ ރަށުގެ ޒުވާނުން ދިން އަހައްމިއްޔަތު އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ. އަދި އެކަމުގައި ޒުވާނުން ދިން އެއްބާރުލުމާއި، ޒުވާނުންގެ އިސްނެގުން އޭނާ ފާހަގަ ކުރެއްވިއެވެ.

ފޭދޫ ދަނޑުގެ މަސައްކަތް ފުރިހަމަކޮށްފައި ވަނީ ޓްރިޕްލް އެއިޓް ކުންފުނިންނެވެ. އަދި ފޭދޫގައި ތަރައްގީކޮށްފައި ވަނީ ރާއްޖޭގައި ތަރައްގީ ކުރަމުންދާ ފުޓްސަލް ދަނޑުތަކުގެ ތެރެއިން ބޮޑު ސައިޒްގެ ދަނޑެކެވެ.