ހއ. ހޯރަފުށި އަދި ފ. ފީއަލީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދާދޭނެ ފަރާތެއް ހޯދަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)އިން ޢިއުލާން ކޮށްފިއެވެ.

މިފްކޯއިންކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، މިހިނގާ ފެބުރުވަރީ މަހުގެ 10 ވާ ބުދަ ދުވަހުގެ މެންދުރު 12:00ގެ ކުރިން އެކުންފުނީގެ އީ- މެއިލް corporate@mifco.com.mv މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާކަމަށެވެ.

Ad
rt

މި މަސައްކަތަށް ކުރިމަތިލުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާސް (އާރ.އެފް.ކިއު) ހަމަ އެދުވަހުގެ ހަވީރު 16:00 ކުރިން އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަސައްކަތަ ޝައުޤުވެރިކަން ފާޅުކޮށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 2021 ފެބުރުވަރީ 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:30 އަށް މިފްކޯގެ ހެޑްއޮފީސް (މޯލްޑިވްސްއިންޑަސްޓްރިއަލްފިޝަރީޒްކޮމްޕެނީލިމިޓެޑް (މިފްކޯ)، 389 ނަންބަރު ކޮށި / މާފަންނު، ހިލާލީ މަގު / މާލެ)އަށް ހާޟިރުވެ ޕްރަޕޯޒަލް ހުށަހެޅުމަށް އެކުންފުނިން ދަޢުވަތު ދެއެވެ. އަދި ޕްރަޕޯޒަލް ހުޅުވުން އޮންނާނީ މި ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ޙާޟިރުގައި ކަމަށް އެ ކުންފުނިން ބުނެއެވެ.

ހޯރަފުށީގައި ގާއިމުކުރާ އައިސްޕްލާންޓްގެ އީއައިއޭ ހަދާދޭނެ ފަރާތެއް ހޯދަން ޢިއުލާންކުރިއިރު، ޖެނުއަރީ 27 ވަނަ ދުވަހު ވަނީ ހޯރަފުށީގައި އައިސް ޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕް މޮޑެލްގައި ކުރިއަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުއަކީ ޗަންޕާ ބްރަދަރސްއިން ފައިނޭންސް ކުރަން ހަމަޖެހިފައިވަނީ މަޝްރޫޢުއެކެވެ.

މިއެއްބަސްވުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީއެވެ. އަދި ޗަންޕާ ބްރަދަރސްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ސާރާ މުހައްމަދެވެ.

4.2 މިލިއަން ރުފިޔާގެ މިމަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް މިފްކޯއިން އެދުވަހު ބުނެފައިވާއިރު، އަމަލީ މަސައްކަތް ފަށާތާ 150 ދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް ނިންމާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. އަދި މި އެއްބަސް ވުމުގެ ދަށުން ހޯރަފުށީގައި ގާއިމު ކުރަނީ 25 ޓަނުގެ އައިސްޕްލާންޓެކެވެ.

ހޯރަފުށީގައި އައިސްޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެރަށުގެ ކައިރީގައި އޮންނަ އިހަވަންދޫގައި މިހާރު ވެސް އައިސްޕްލާންޓެއް ހުރެއެވެ.

https://thiladhun.wonstasite.com/52251

މިއަހަރުގެ ތެރޭގައި އިތުރު 13 ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ވެސް ވަނީ ވިދާޅުވެފަ އެވެ.

ޖެނުއަރީ 18 ވަނަ ދުވަހުގެ ދައުލަތުގެ މީޑިއާގެ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވިގޮތުގައި މަސްވެރިންގެ ކަންބޮޑުވުން ހައްލު ކޮށްދެއްވުމުގެ ގޮތުން މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު 13 ސަރަހައްދެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރަށްވަން ވަނީ ނިންމަވާފަ އެވެ.

މިގޮތުން މިއަހަރުގެ ތެރޭގައި އައިސްޕްލާންޓް އެޅުމަށް ފިޝަރީޒް މިނިސްޓްރީއިން ކަނޑައަޅާފައިވާ 13 ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ހއ. ހޯރަފުށި، ށ.ކޮމަންޑޫ، ރ.މަޑުއްވަރީ، ކ.ގާފަރު، ފ.ފީއަލި، މ.މުލައް، ދ.ކުޑަހުވަދޫ، ގއ.ގެމަނަފުށި، ލ.މާމެންދޫ، އދ.މަހިބަދޫ، އއ.ރަސްދޫ އަދި ގދ.ފިޔޮރީއެވެ. މީގެތެރެއިން ގއ.ގެމަނަފުށީ އައިސްޕްލާންޓަކީ 50 މެޓްރިކް ޓަނުގެ އައިސްޕްލާންޓެކެވެ. އަދި ދެންހުރި ހުރިހާ ރަށެއްގައި ޤާއިމްކުރަނީ 25 މެޓްރިކް ޓަނުގެ އައިސްޕްލާންޓްތަކެކެވެ. މިނިސްޓްރީން ބުނީ މީގެތެރެއިން 3 އައިސްޕްލާންޓެއް މިހާރު ވަނީ ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައެވެ. އެއީ މަޑުއްވަރީ، ގާފަރު އަދި ފީއަލި އައިސްޕްލާންޓެވެ.

މަސްވެރިންނަށް ފަސޭހަކަމާއިއެކު އައިސްލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސްޕްލާންޓްތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ 29 ރަށެއްގައި 54 އައިސްޕްލާންޓް އަންނަނީ ހިންގަމުންނެވެ.