އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް ''ބީ'' ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށް މޯލްޑިވްސް ބްލަޑް ޑޯނާސްއިން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އިމްރާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އިމްރާނަކީ މާލޭ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ.
މޯލްޑިވްސް ބްލަޑް ޑޯނާސްއިން ރޭ 21:52 ގައި ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިމްރާނަށް އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށާއި، ޑޮކްޓަރުންގެ ބަހަކީ އަބަދު ވެސް ލޭ ދެވޭނެ ދެއެއް ނުވަތަ ތިން މީހުން ހޯދާފައި ބޭއްތިއްބުން ކަމަށެވެ.
''އިމްރާނަށް އައިސީޔޫގައި ފަރުވާ ދެމުން ދަނީ، ޑޮކްޓަރުންގެ ބަހަކީ އަދިވެސް، އަބަދު ވެސް ލޭ ދޭނެ 2 ނުވަތަ 3 މީހުން ހޯދާފައި ބަހައްޓާށޭ، އެހެންވިމާ ބީ ޕޮޒިޓިވް ލޭ ދެވެން ތިބި މީހުން 9728314 އަށް މައުލޫމާތު ދިނުން ވަރަށް ބޮޑަށް އެދެން''
މޯލްޑިވްސް ބްލަޑް ޑޯނާސްއިން ކުރި ޓްވީޓްގައި ބުނެފަ ވެއެވެ.

މިހާދިސާއާ ގުޅިގެން އެމްޕީއެލް އިން ބައެއް މީޑިއާތަކަށް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މުދާތައް ނެރުމުގެ މަސައްކަތް ކުރީ ''މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕު''ގެ ފަރާތުން ކަމަށެވެ. މި ހާދިސާ ހިނގީ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށް ކެރޭނުން ލޮރީއަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން ކަމަށް އެމްޕީއެލް އިން ވިދާޅުވެއެވެ.
މީގެއިތުރުން އެމްޕީއެލްގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމެޓީން އިއްޔެ އެ ހާދިސާގެ ތަހުގީގު ފަށާފައިވާ ކަމަށް އެ ކުންފުނިން ރޭ އާންމު ކުރި ބަޔާނެއްގައި ބުނެފަ ވެއެވެ. އަދި އެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން މިނާ އިންވެސްޓްމަންޓް ގްރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ވެސް ވަނީ އެމްޕީއެލް ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި މި ހާދިސާގައި އުމުރުން 27 އަހަރުގެ އެ ޒުވާނަކު ވަނީ، ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!