އިއްޔެ ރޭ ދަންވަރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވި ހދ. ނޮޅިވަރަމަށް ނިސްބަތްވާ ޒުވާނާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުން އެބަދެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މާލޭ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެ ހާދިސާގައި، އަނިޔާވެ އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދަނީ، މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ އަށެވެ.
އެ ހާދިސާގައި އިމްރާނަށް އަނިޔާވީ އޭނާގެ ގައިމަށްޗަށް ކާޕެޓް ރޯލެއް ވަނީ ވެއްޓިގެން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރެވެ.
ނޮޅިވަރަމް ކައުންސިލްގެ އޮފިޝަލެއް ''ތިލަދުން''އަށް ވިދާޅުވީ މިވަގުތު އިމްރާން އޮތީ އައިސީޔޫގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލާއިމެދު އެއްޗެއް ދަންނަވަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
''އެ ހިތާމަވެރި ޚަބަރު ލިބުމާއިއެކު އިމްރާންގެ ދައްތަ ވަނީ މާލެ ގޮސްފައި، އޭނާގެ ކޮށްކޮ ހުރީ މިރަށުގައި މިވަގުތު ކަރަންޓީނުގައި، އޭނާ ވެސް ދެވުނު އެންމެ އަވަހަކަށް މާލެ ދާނެ، އެއީ މުޅި މިރަށަށް ވެސް ފުން ހިތާމައެއް ގެނުވި ހާދިސާއެއް''
އޮފިޝަލް ވިދާޅުވިއެވެ.
މިހާދިސާއާ ގުޅިގެން އެމްޕީއެލް އިން ބައެއް މީޑިއާތަކަށް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މުދާތައް ނެރުމުގެ މަސައްކަތް ކުރީ ''މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕު''ގެ ފަރާތުން ކަމަށެވެ. މި ހާދިސާ ހިނގީ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށް ކެރޭނުން ލޮރީއަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން ކަމަށް އެމްޕީއެލް އިން ވިދާޅުވެއެވެ.
މާލޭ ވިޔަފާރި ބަނދަރަކީ ނުރައްކާތެރި މަސައްކަތްތަކެއް ކުރާ ތަނަކަށްވާތީ، ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހަރަކާތްތެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކުންފުނިން ބޮޑު އަހައްމިއްޔަތެއް ދެއްވާކަމަށް އެކުންފުނިން ވިދާޅުވެފައިވާއިރު، އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެކްސިޑެންޓު އެންޑް އިންވެސްޓިގޭޝަން ކޮމެޓީން މިއަދު ތަހުގީގު ފަށާފައިވާ ކަމަށެވެ. އަދި އެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން މިނާ އިންވެސްޓްމަންޓް ގްރޫޕާއި، ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންސްގައި މަސައްކަތްކުރި އެމްޕީއެލްގެ މުވައްޒަފުން ސަސްޕެންޑުކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު ވެސް ވަނީ އެމްޕީއެލް ސަރަހައްދުގައި ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ. ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި މި ހާދިސާގައި އުމުރުން 27 އަހަރުގެ އެ ޒުވާނަކު ވަނީ، ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!