ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހުއްޓި، ހީނަރުވި ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ނަފާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކާނު އިއްވެވި ތިންވަނަ ރިޔާސީ ބަޔާނުގައެވެ.

Ad
rt

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ފަތުރުވެރިކަން އަލުން ކޮޅަށްޖެހުމަށް މަސައްކަތްކުރާއިރު، މި ޞިނާއަތުގެ ފައިދާ ރާއްޖޭގެ އެންމެ އުތުރާ ދެކުނަށްވެސް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެއް. އެ އަމާޒަށް ވާޞިލުވުމަށްޓަކައި، ރަށު ފަތުރުވެރިކަން ފުޅާކުރުމުގެ ގޮތުން، ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހެދުމަށް، ރާއްޖޭގެ އެކި ރަށްރަށުން، މިދިޔަ އަހަރުގެ ފަހުކޮޅު ބިންތަކެއް ބީލަމަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ރިސޯޓްތަކުގެ ވަކިވަކި ވިލާތަކާއި ކޮޓަރިތައް، ދިގު މުއްދަތަށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭ ގޮތަށް، މިހާރުވާނީ ޤާނޫނަށް ބަދަލު ގެނެވިފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

''މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު ސިންދަފާތުކުރުމަށް ކުރެވޭ، ވަރަށް މުހިންމު ކަމެއް. އަދި މިހާރު ތަރައްޤީކުރަމުން އަންނަ ރިސޯޓްތަކާއެކު، މިއަހަރުގެ ތެރޭގައި ޖުމްލަ 18 ރިސޯޓެއް މުޅިން އަލަށް ހުޅުވި 5062 އެނދު މާރކެޓަށް ނެރެވޭނެކަމަށް އަންދާޒާކުރެވޭ. އެހެންކަމުން، ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް، އިތުރު 9000 ވަޒީފާ މިއަހަރުގެ ތެރޭގައި އުފެދޭނެ ކަމަށް ލަފާކުރެވޭ.''

ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޤްތިޞާދީ ޞިނާޢަތްތައް ފުޅާކުރާއިރު، އެ ޞިނާޢަތްތަކަށް ބޭނުންވާ މީހުން ބިނާކުރުމުގެ ގޮތުން، އަހަރަކު މަދުވެގެން 1200 ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން މިވަގުތުވެސް، ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއާ ގުޅުން ހުރި ކޮންސްޓްރަކްޝަން ދާއިރާއާއި، އައިސީޓީ ދާއިރާއިން ޒުވާނުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވީ މިއަދު ހެނދުނު 9:00ގައި ރައްޔިތުން މަޖިލިސްކުރާ ގޭގައެވެ.