ޖައްވަށް ގޭސް ދޫކުރެވޭ މިންގަނޑާ ޚިލާފުވެ ފްރާންސުގެ ސަރުކާރުން ތިމާވެއްޓަށް ގެއްލުން ދޭކަމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
"އެމިޝަން ލެވެލް" ނުވަތަ ޖައްވަށް ގޭސް ދޫކުރެވޭ މިންގަނޑަކީ ތިމާވެށި ރައްކާތެރި ކުރުމަށް ކޮންމެ ގައުމަކުންވެސް ބޯލަނބަން ޖެހޭ މިންގަނޑުތަކެކެވެ. އެކި ގައުމުތަކުން މި މިންގަނޑު ކަނޑައަޅަނީ އެކި ވަރަށެވެ. މި މިންގަނޑު ކަނޑައެޅުމުގައި އެ ގައުމަކުން އާއްމުކޮށް ގޭސް ބޭރު ކުރާ މިންވަރަށް ބަލައެވެ.
ފްރާންސުގެ ސަރުކާރުން މި މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް އެ ގައުމުގެ ކޯޓުން ހުކުމް ކުރި ނަމަވެސް އެ ކަމާ ގުޅިގެން ސަރުކާރާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ. އެ ކޯޓުން ހުކުމް ކޮށްފައިވަނީ މިކަންކަން ހައްލު ކުރުމަށް ސަރުކާރަށް 2 މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ފިޔަވަޅު އެޅުމަށެވެ.
ނަމަވެސް ކޯޓުން ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ގްރޫޕުތަކަށް ލިބިފައިވާ ގެއްލުމާ ގުޅިގެން ކޮންމެ ގްރޫޕަކަށް އެއް ޔޫރޯ ދޭން ސަރުކާރަށް ހުކުމް ކޮށްފަ އެވެ. މިއީ އެފަދަ ގްރޫޕުތަކުން ތިމާވެށި ހިމާޔަތް ކުރަން ކުރަމުން އަންނަ މަސައްކަތްތަކަށް ހުރަސް އަޅައި ޒިންމާ އަދާ ކުރަން ހުރަސް އެޅުމުގެ ސަބަބުން ކުރި ހުކުމެކެވެ.
މި ހުކުމާ ގުޅިގެން ދުނިޔޭގެ ތިމާވެއްޓާ ބެހޭ އެކްޓިވިސްޓުން ވަނީ މިއީ "ތާރީހީ މޮޅެއް" ކަމަށް ބުނެފައެވެ. އަދި މިކަމާ ގުޅިގެން ފްރާންސުގެ ސަރުކާރާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެ މީހުން ދަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން އެ ގައުމުގެ އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ މައްސަލަ މިނިސްޓްރީއަށްވެސް ފާހަގކުރެވިފައިވާ ކަމަށެވެ. އަދި މިހާރު ހަދާ އާ ގާނޫނުތަކާއެކު ހުރިހާ މައްސަލައެއް ހައްލުވާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!