ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލު (ކޭއާރުއެޗް) ގެ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ވިދާޅުވީ މި ޕުރޮގުރާމަކީ އާންމު ރައްޔިތުން ހޭލުންތެރިކުރުމާއި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ( ކޭއާރުއެޗް) ގެ މުވައްޒަފުން ހޭލުންތެރިކުރުމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ.

Ad
rt

މި ޕުރޮގުރާމް ކުރިއަށް ގެންގޮސްފައި ވަނީ ނިމިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުގެ ރޭ ކަމަށާއި މި ހޭލުންތެރިކުރުމުގެ ޕުރޮގުރާމުގައި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ.

އަދި ޑޮލަރު ހޯދައިދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުގެ އިތުރުން ކޭޝްކާޑުގެ މައުލޫމާތު ހޯދައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް ހޯދާ މައްސަލަތަކާ އަދި އެފަދަ ކަންކަމުން ރައްކާތެރިވެތިބުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައިވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެގޮތުގެ މައުލޫމާތުވެސް ފުލުހުންވަނީ ޕުރޮގުރާމުގެ ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ މިދުވަސްވަރަކީ ގިނަ ފަރާތްތަކުން ފައިސާ ގެންގުޅުމުގެ ބަދަލުގައި އޮންލައިން ޓްރާންސްފަރ ކުރުމާއި ގިނަ ވިޔަފާރިތަކުންވެސް ފައިސާ ޓްރާންސްފަރ ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވާ ދުވަސްވަރަކަށް ވުމުން ތަކެތި ގަތުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް ކަސްޓަމަރުން ފޮނުވިނަމަވެސް އެކައުންޓަށް ފައިސާ ޖަމާވިތޯ ވިޔަފާރިތަކުންވެސް ޔަގީންކޮށް ވެރިފައި ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.