ޑރ ޝިރާނީ އާއި ޑރ މުޙައްމަދު އަލީ، ކުޅުދުއްފުށީގެ ރައްޔިތުންނަށް ދެރައެއް ލިބޭ ފަދަ ނަސޭހަތެއް ނުދޭނެކަމަށްކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ކޯވިޑް19 އާއި ދެކޮޅަށް ރާއްޖޭގައި ވެކްސިން ދޭން އިއްޔެ ފަށާފައިވާއިރު އެކަމަށް އިޝާރާތްކުރައްވާ މީސްމީޑިޔާގައި ޔާސިރު ކުރެއްވި ޕޯސްޓެއްވިދާޅުވީ، ކޯވިޑް-19 އާ ދެކޮޅަށް ކުރަމުން މި ގެންދާ ހަނގުރާމައިގައި އިއްޔެއަކީ ވަރަށް ތާރީޚީ ދުވަހެއްކަމަށެވެ.
މީގެ އިތުރުން ޔާސިރު ވިދާޅުވީ، 200 އަށް ވުރެ ގިނަ މީހުންނަށް އިއްޔެ ވެކްސިން ދެވިފައި ވާއިރު 200 އަށް ވުރެ ގިނަ މީހުން މިއަދު ވެސް ބައްޔަށް ފައްސިވެ އިތުރު ރާޅެއްގެ ބިރުވެރިކަން ކުރިމަތިވެފައިވާކަމަށެވެ.
ޤައުމުގެ ތިން ބާރުގެ ވެރީން ކޮވިޝީލްޑް ވެކްސިން ޖައްސަވާ ޔަޤީންކަން ދެއްވާފައިވާއިރު، ކުޅުދުއްފުށީގެ ހިދުމަތްތެރި ދަރީން ކަމުގައިވާ ޑރ. މުހައްމަދު އަލީ އިލާ އަދި ޑރ. ޝިރާނީ އަބްދުލް ރަހްމާން ޗަނބޭލީގެ ވެސް ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާ މިސާލު ދައްކަވާފަ. އަޅުގަނޑަށް ޔަޤީން އެ ބޭފުޅުން ކުޅުދުއްފުށީގެ ރައްޔިތުންނަށް ދެރައެއް ލިބޭ ފަދަ އެއްވެސް ނަސޭހަތެއް ނުދޭނެ.
ޔާސިރު ވިދާޅުވެފައި ވެއެވެ.
ކޮވިޝީލްޑް ވެކްސިންއާއި ގުޅޭގޮތުން ޔާސިރު ވިދާޅުވީ، ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އެއް ކުންފުނި ކަމުގައިވާ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއާ މެދު ޔާސިރުގެ ފުރިހަމަ އިތުބާރު އެބަ އޮތްކަމަށެވެ.
އަޅުގަނޑުގެ އިލްތިމާސްއަކީ ކުޅުދުއްފުށީގެ ލޮބުވެތި ރައްޔިތުން ވެސް ކޮވިޑްއާ ދެކޮޅަށް އަޅުގަނޑުމެން ކުރަމުން މި ގެންދާ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ވެކްސިން ޖެހުން.
ޔާސިރު އިލްތިމާސް ކުރައްވާފައިވެއެވެ.
މިފަދަ ހައްސާސީ ދަނޑިވަޅެއްގައި ވެކްސިން ޖެހުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ފަތުރަމުން ގެންދާ ދޮގު މައުލޫމާތުތަކަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމުގައި ޔާސިރު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ކޯވިޑްގެ ވަބާއިން މި ދިވެހިރާއްޖެ ރައްކާތެރިކޮށް، ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ކުރަމުން ގެންދާ ބުރަ މަސައްކަތަށް ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަމަށާއި އަދި ކޯވިޑް-19 އާ ދެކޮޅަށް ސިއްހީ ހިދުމަތްތެރީން އަދި އެންމެހާ ރައްޔިތުން ކުރަމުން ގެންދަވާ އިޚްލާސްތެރި މަސައްކަތަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާކަމުގައި ޔާސިރު ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!