ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް ވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ.

ސީއެސްސީން ބުނީ އެ ކޮމިޝަންގެ މުވައްޒަފުން ތެރެއިން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުން 29 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން އެ އިންތިޚާބު ރަސްމީ ނަތީޖާ ޢިއުލާން ކުރުމާއި ހަމައަށް ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށެވެ.

Ad
rt

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ބާއްވަން އީސީން ނިންމާފައި ަނީ މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އެވެ.

2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ތާވަލްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޯވިޑް-19 އާއި ގުޅިގެން އެންމެ ފަރަތަމަ ފަސްކޮށްފައި ވަނީ 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ އެ ކޮމިޝަނަށް އިންތިޚާބު ފަސްކުރެވޭނެ އެންމެ ފަހު މުއްދަތެވެ. ނަމަވެސް ރާއްޖޭގެ ހާލަތު އިންތިޚާބެއް ބޭއްވޭ ވަރަށް ރަނގަޅު ނޫން ކަމަށް ނިންމައި އެ ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އެ މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިއުލާންކޮށްފަ އެވެ.

ކޮމިޝަންގެ މި ނިންމުމާއި އެކު، ވަޒީފާ އިން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސާވިސްގެ މީހުންގެ ސަސްޕެންޝަނަށް ގޮތެއް ނުނިމި ވަނީ ދިގު ދެމިގެން ގޮސްފައިއެވެ. ގާނޫނުގައިވާ ގޮތުން، ސިވިލް ސާވިސް ވަޒީފާއެއްގައި ހުރި މީހަކު އިންތިޚަބަކަށް ކުރިމަތިލައިފި ނަމަ އެ މީހަކު ހުރި މަގާމުން ސަސްޕެންޑް ވާނެ އެވެ.

މިގޮތުން ކައުންސިލް އިންތިޚާބުގައި ވާދަކުރަން ފޯމު ހުށަހެޅުމާއި އެކު، އެ އުސޫލުން 204 ސިވިލް ސާވަންޓުން ވަނީ ވަޒީފާ އިން ވަނީ ސަސްޕެންޑްވެފައި އެވެ.

އެ މުވައްޒަފުންގެ ސަސްޕެންޝަން ނިމުމަކަށް އައީ 10 މެއި 2020 ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމުގެ ބިލު “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020” ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤު ކުރައްވައި، އެގާނޫނަކަށް އަމަލު ކުރަން ފެށުމުންނެވެ.

2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ޢިއުލާންކުރި ލޯކަލް ކައުންސިލް އިންތިހާބަށް 2،400 ކެންޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް ޖުމްލަ 1،817 ކެނޑިޑޭޓުން ކުރިމަތިލިއެވެ. އޭގެ ފަހުން އެކިފަހަރު މަތިން ފަސްކޮށްފައިވާ އެ އިންތިޚާބުގައި ވާދަކުރަން ކުރިމަތިލި ގިނަ ކެނޑިޑޭޓުން ތަކެއް ދަނީ ނަން އަނބުރާ ނަގަމުންނެވެ.