ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ދިމާކޮށް، ށ. އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންގެ ރަށްވެހިކަން އެ އަތޮޅުގެ ބިލެތްްފަށްސަށް ބަދަލު ކުރަމުންދާ ކަމުގެ ތުހުމަތު އެ އަތޮޅުގެ ބައެއް ރައްޔިތުން ކޮށްފިއެވެ.
މިގޮތުން އެ އަތޮޅުން ވާހަކަދެއްކި ބައެއް މީހުން ބުނީ، އެ އަތޮޅުގެ ބައެއް ރަށްރަށުގެ މީހުންގެ ރަށްވެހިކަން އެ އަތޮޅުގެ ބިލެތްފަށްސަށް ބަދަލު ކުރުމުގެ މަސައްކަތް ބިލެތްްފަށްސަށް ނިސްބަތްވާ ބަޔަކު ފަށައިގެން ކުރިއަށް ގެންދާ ކަމަށެވެ.
މިގޮތަށް ވާހަކަ ދެއްކި މީހުން ތުހުމަތު ކުރާގޮތުގައި އެކަމަކީ އަންނަ ކައުންސިލް އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރުމުގެ ބޭނުމުގައި ކުރާ ކަމެކެވެ. އަދި އެ މަސައްކަތްކުރާ މީހުން ބޭނުންވަނީ އެމީހުން ބޭނުންވާ ނަތީޖާ ނެރެވޭ ވަރަށް މީހުންގެ ރަށްވެހިކަން އެ ރަށަށް ބަދަލުކުރަން ކަމަށް އެމީހުން ބުންޏެވެ.
''މީހުންނާއި ވެސް ނީންނަ 18 އަހަރުވެފައި ތިބޭ ޅަ ކުދިންގެ ރަޖިސްޓްރީ ބަދަލުކުރުމަށް މަސައްކަތް އެ ކުރަނީ، އެއީ ބިލެއްފަހީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ އެމްޑީޕީއަށް ނިސްބަތްވާ ބައެއް ކެނޑިޑޭޓުން ކުރާ ކަމެއް، އެކަން އެބަ ހިނގާ، މިއީ ވަރަށް ދެރަކަމެއް، ފުޓްބޯޅަ މުބާރާތެއް ކުޅެންވީމަ ރައްވެހިކަން ބަދަލުކޮށްލާފައި، ވޯޓު ލާންވީމައި ރައްވެހިކަން ބަދަލުކޮށްލާފައި، މިދެން ގޮތެއް ނޫން ދެއްތޯ، އަނެއްކާ ފަހުން އެބަ ބަދަލުވޭ އެމީހުންގެ އަސްލު ވަޒަނަށް''
އެ އަތޮޅުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުޠުކޮށް ބުންޏެވެ.
އެ އަތޮޅުގެ ބައެއް މީހުންގެ މި ތުހުމަތުތަކާއި ގުޅިގެން އެކަން ސާފުކުރުމަށް ބިލެއްފަހީ ކައުންސިލްގެ ރައީސް ޢަބުދުﷲ ޒިޔާދަށް ސުވާލު ކުރުމުން ވިދާޅުވީ، މިދުވަސްވަރާއި ދިމާކޮށް އެރަށަށް ރަށްވެހިކަން ބަދަލު ކުރަން ހުށަހަޅަމުންދާ ކަމަށާއި، އަދި އެއީ ސީދާ ކައުންސިލް އިންތިޚާބާއި ދިމާކޮށް،ެ ގޮނޑިތައް ކާމިޔާބުކުރުމުގެ ބޭނުމުގައި ވަކިބަޔަކު ކުރާކަމެއް ކަމަށް ދަންނަވަން ނޭނގޭ ކަމަށެވެ. ނަމަވެސް މިދުވަސްވަރު އެހެން ރަށްރަށުގެ މީހުން އެރަށަށް ރަށްވެހިކަން ބަދަލުކުރަން ހުށަހަޅަމުންދާ ވާހަކައަކީ ތެދެއް ކަަމަށް އޭނާ ވިދާޅުވިއެވެ.
''އަޅުގަނޑަކަށް ދަންނަވާކަށް ނޭނގޭ ކޮންބޭނުމަކު ކަމެއް މީހުން މިރަށުގެ ރަށްވެހިންނަށްވުމަށް ހުށަހަޅަމުން ދަނީ، އެހެން ނަމަވެސް މި ދުވަސްވަރު އެބަ ހުށަހަޅާ ބައެއް މީހުން މިރަށަށް ރައްވެހިކަން ބަދަލުކުރަން، މިހާރުވެސް ހައެއް ނޫނީ ހަތް މީހުން އެބައޮތް އެދިފައި''
ޒިޔާދު ވިދާޅުވިއެވެ.
ބިލެއްފަށްސަށް މިދުވަސްވަރު ރަށްވެހިކަން ބަދަލު ކުރުވަނީ، ކައުންސިލް ގޮނޑިތައް ނެގުމުގެ ބޭނުމުގައި ކަމަށް ތުހުމަތު ކުރާ މީހުން އިތުރަށް ބުނީ، މިވަގުތު ބިލެއްފަށްސަށް މީހުން ރަށްވެހިކަން ބަދަލުވާން އެދޭވަރުގެ އިތުރު ސަަބަބެއް ވެސް އަދި ފެންނަން ނެތްކަމަށް ގަބޫލު ކުރާ ކަމަށެވެ.
ށ. ބިލެއްފަށްސަކީ އާބާދީގައި މިހާރު 690 އަށްވުރެ ގިނަ މީހުން ތިބި ރަށެކެވެ.
ކައުންސިލް އިންތިޚާބާއި ގުޅިގެން ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ ލިސްޓް ފައިނަލް ކުރުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރަމުން ދާތީ، ރަށްވެހިކަން ބަދަލުކުރަން އެދޭ މީހުން 2021 ފެބްރުއަރީ 8 ވަނަ ދުވަހުގެ ކުރިން އެކަންކޮށް، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު އާ ކުރަން އީސީން ވަނީ އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!