ށ.މާއުނގޫދޫގައި ފާނަބަސަނދު ފެތުރޭތީ އާންމުން އެކަމަށް ސަމާލުވެ ތިބުމަށް އެ ރަށު ސިއްޙީ މަރުކަޒުން އިލްތިމާސް ކޮށްފިއެވެ.

މި ބައްޔަކީ ވައިރަހެއްގެ ސަބަބުން ޖެހޭ އަދި ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔަކަށް ވެފައި، ފާއިތުވި ދެ ހަފްތާގެ ތެރޭގައި މި ބަލި ޖެހިފައިވާ ދެ މީހަކު އެ ރަށު ސިއްޙީ މަރުކަޒަށް ދައްކާފައި ވުމުން އެ ބަލި އިތުރަށް ފެތިރިދާނެ ކަމުގެ ބިރު އޮތުމުގެ ސަބަބުން އެކަން އެ ސިއްހީ މަރުކަޒުންވަނީ އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

Ad
rt

މީގެ އިތުރުން މި ބައްޔާއި ގުޅުންހުރި މުހިންމު މަޢުލޫމާތު ތަކެއް ވެސް މާއުނގޫދޫ ސިއްހީ މަރުކަޒުން ވަނީ އިޢުލާނެއް މެދުވެރިކޮށް އާންމުންނާއި ހިއްސާ ކޮށްފައެވެ.

މި ބައްޔާއި ގުޅޭ ގޮތުން އެ މަރުކަޒުން އާންމު ކޮށްފައިވާ މަޢުލޫމާތުގައިވަނީ ފާނަ ބަސަނދު ޖެހިފައިވާ މީހަކު ކެއްސައި ކިނބިހިއެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެން ދާކަމަށެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް އެ ވައިރަސް ވާޞިލްވެއްޖެނަމަ، އެ މީހަކަށް ބަލިޖައްސުވާ ކަމަށާއި، ފާނަ ބަސަނދު ޖައްސާ ވައިރަހުން އަތް ތަޣައްޔަރުވެފައި ހުއްޓައި، އެ އަތް ނުދޮވެ، އަނގަ،ލޯ، އަދި ނޭފަތުގައި ޖައްސައިފި ނަމަވެސް ފާނަ ބަސަނދު ޖެހިދާނެކަމަށެވެ.

މީގެ އިތުރުން ފާނަ ބަސަނދާއި ގުޅިގެން ނަގާފޮޅުތައް ފެޅި އެއިން ބޭރުވާ ދިޔައިގައި، ނުވަތަ ފެޅުމުން އުފެދޭ ފާރުކޮޅުގައި ބީހުމަކީ ވެސް ސަލާމަތުން ހުރި މީހާއަށް ފާނަ ބަސަނދު ޖައްސުވާނެ ކަމެއްކަމަށެވެ. މީގެ އިތުރުން މިފަދަ ބަލި މީހުން އެއްރަށުން އަނެއްރަށަށް ދަތުރުކުރުމާއި އާމުންގެ ތެރޭ ނުކުމެ އުޅުމަކީ އެކަމުގެ ސަބަބުން ގިނަބަޔަކަށް ބަލި ފެތުރުމަށް މަގުފަހިވެގެންދާނެ ކަމެއް ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކަކީ ހުންއައުން، ބޮލުގައި ރިހުން، ބޯއެނބުރުން، ވަރުބަލިވުން، ކަރުތެރެ ފާރުވެ، ހަލާކުވުން، އަދި ކާހިތްނުވުން ފަދަ އަލާމާތްތައް ކަމަށާއި، މި ވައިރަސް ހަށިގަނޑަށް ވަނުމަށް ފަހު މި އުދަނގޫތައް މެދުވެރިވުމަށް 16-12 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވާނެއެވެ. މިފަދަ އަލާމާތްތަކެއް ފެންނަނަމަ ޑޮކްޓަރަށްދައްކާ ކަންތައްތައް ކުރަންވީގޮތް އޮޅުންފިލުވަންވާނެ ކަމަށާއި އަދި އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ބަލި މީހުން އެއްރަށުން އަނެއްރަށަށް ނުދިއުމަށާއި އާމުންގެތެރޭ ނުކުމެ ނޫޅެ އެކަހެރިވުމަށް އެ މަރުކަޒުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް ގޮތުގައި ފާހަގަ ކޮށްފައިވަނީ ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމާއި، ބަލިޖެހިފައިވާ މީހުންނާއި މާބޮޑަށް ގައިގޯޅިވެ ނޫޅުމާއި، ބަލިވެއްޖެނަމަ ގޭގައި މަޑުކުރުމާއި، ބަލިމީހާ އެހެން މީހުންނާއި ވަކިން ގެންގުޅުމާއި، ބަލިމީހާ ބޭނުންކުރާ ތަކެތީގައި ވީވަރަކުން އަތްނުލުމާއި، އެތަކެތި ކޮންމެ ދުވަހަކު ދޮވެ ސާފުކުރުމުގެ އިތުރުން ގިނަގިނައިން އަތްދޮވުމެވެ.