ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ހީވާގި މުވައްޒަފުން، މަސްތުވާތަކެތި ބޭނުންކުރާ ބަޔަކު ދިރިއުޅެމުން ދިޔަ ގޮނޑު ވެފައިވާ ކުރީގެ ''މެޓްރޯ ކެފޭ'' ސާފު ކޮށްފިއެވެ.

މިގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސް ގުޅިގެން ރޭ ނެރުނު ނޫސް ބަޔާނުގައި ވެސް ވަނީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް ދިރިއުޅުނު މެޓްރޯ ކެފޭގެ އިމާރާތް ވެމްކޯގެ އެހީތެރިކަމާއެކު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

Ad
rt

އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ފަރުވާ ބޭނުންވާ ފަރާތްތަކެއް ކުރިން މެޓްރޯ ކެފޭ ހިންގި ޢިމާރާތުގައި ދިރިއުޅެމުންދާ ކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު އެ ތަނަށް އިއްޔެގެ ހަވީރުގެ ވަގުތެއްގައި ޒިޔާރަތްކޮށް، ފަރުވާ ބޭނުންވާ ތިން މީހަކު ނޭޝަނަލް ޑްރަގް އޭޖެންސީގެ ހަވާލުގައި ފަރުކޮޅުފުށީގައި ޤާއިމު ކުރެވިފައިވާ ވަގުތީ ޑިޓޮކްސިފިކޭޝަން ސެންޓަރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މި ޢިމާރާތް ސާފުކުރުމުގެ މަސައްކަތުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން އެހީތެރިކަން ދެއްވަމުންދާ ކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު، އެ އިމާރާތް ސާފުކުރުމުގައި ބައިވެރިވި ވެމްކޯގެ މުވައްޒަފުން ސިފަކުރެއްވީ ''މެޓްރޯ ކެފޭ އޮޕަރޭޝަންސްގެ ހީރޯއިން''ގެ ގޮތުގައެވެ.

މީގެއިތުރުން ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވެސް ވެމްކޯގެ މި ޚިދުމަތް ފާހަގަކުރަށްވާ ޝުކުރު އަދާ ކުރަށްވާފައެވެ.