ށ. ފޭދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރަން އެރަށުގެ ކައުންސިލުން ހުޅުވާލައިފި އެވެ.
އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރަން ނިންމައި، ފޭދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ދަނޑުވެރިކަން ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ދެ އަހަރު ދުވަހުގެ މުއްދަތަށް އެރަށުން ދަނޑުބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން މިފަހަރު 2500 އަކަފޫޓުގެ 80 ބިން ދޫކުރަން ނިންމާފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުނެފައި ވެއެވެ. މި ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގެ ހެނދުނު 10:00 އާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
އެކައުންސިލުން ބުނެފައިވާ ގޮތުގައި މިއިން އެއްވެސް ބިމަކުން ކުއްޔެއް ނުނަގާނެއެވެ. އަދި އެރަށުގެ މީހުން ދިރިއުޅޭ ގޭބިސީއަކަށް ދޫކުރެވޭނީ އެއް ބިންކަމަށް އެ ކައުންސިލުން ބުނެއެވެ.
އެރަށުގެ ރައްޔިތުންނަށް ހުޅުވާލާފައިވާ މި ފުރުޞަތުގައި، 80 ބިމަށްވުރެ އިތުރަށް ބިން ބޭނުންވެގެން ކުރިމަތިލާފައިވާ ނަމަ ބިންތައް ދޫކުރަން ނިންމާފައި ވަނީ ގުރުއަތުލައިގެންނެވެ.
ދަނޑުބިންތައް ލިބޭ ފަރާތްތަކުން، ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކުރާތާ މަދުވެގެން 15 ދުވަސް ތެރޭ އެ ދަނޑުބިންތަކުގައި މަސައްކަތް ފަށަންޖެހޭއިރު، ބިން ހަވާލުވާތާ 6 މަސް ދުވަސް ހޭދަވާއިރު، އެއްވެސް މަސައްކަތެއް ނުކޮށް ހުންނަ ދަނޑުތައް އަނބުރާ ކައުންސިލަށް ނަގެމަށް ގޮތެއް ނިންމާނެ ކަމަށް އެކައުންސިލުން ބުނެއެވެ.
ށ. ފޭދޫއިން ދަނޑުވެރިކަމަށް ބިން ދޫކުރަން ހުޅުވާލާފައިވާއިރު، ށ. އަތޮޅަކީ މިހާރުވެސް ދަނޑުވެރިކަން ކުރާ ގިނަ ރަށްތަކެއް ހިމެނޭ އަތޮޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!