ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް އިއްޔެ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ މައި މަރުކަޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިހާރު ދިވެހި ޢަސްކަރިއްޔާއަކީ، ކުރިއަށްވުރެވެސް ބޮޑަށް ޢަސްކަރީ ހިންގުންތެރިކަން އިންތިޒާމުވެގެން، ވަރަށް ޕްރޮފެޝަނަލް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ދެމުން އަންނަ މުއައްސަސާއެއް ކަމަށެވެ. އަދި އެމް.އެން.ޑީ.އެފް އަކީ، ޢަސްކަރީ ޚިދުމަތަކަށްވިޔަސް، ދިވެހި ސިފައިންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ މަދަނީ ވަރަށްގިނަ ޚިދުމަތްތައް އެބަހުރި ކަމަށެވެ.
މިގޮތުން މިހާރު ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، ދިވެހިސިފައިން، ދިވެހިރައްޔިތުންނަށްޓަކައި ވަމުން އަންނަނީ، އަގުނުކުރެވޭފަދަ މަތިވެރި ޤުރުބާނީތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޯވިޑް-19ގެ ވެކްސިން ދިނުމަށް، މިހާރު ވަމުން އަންނަ ތައްޔާރީތަކުގައިވެސް، ދިވެހި ސިފައިންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބެމުން އަންނަކަން ފާހަގަ ކުރެއްވިއެވެ.
''މިދިޔަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް، ކަނޑުމަތީގެ 667 ހާދިސާއެއްގައި، 1880 މީހަކަށް ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި. އަދި ޙާލު ބޮޑުވި ބަލިމީހުންގެ ތެރެއިން 4886 މީހަކު، ސީ-އެމްބިއުލާންސްގަޔާއި ހެލިކޮޕްޓަރުގައި އެއްތަނުން އަނެއްތަނަށް ގެންގޮސްދީފައިވޭ. މީގެ އިތުރުން، 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި، ހެންވޭރު ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި، މާލޭ ޓީ-ޖެޓީ ސަރަޙައްދުގައި އޮތް ތެޔޮ ބައުޒަރުތަކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއާއި، މިދިޔަ އަހަރުގެ އޮގަސްޓު މަހު، ހެންވޭރު ތިއޯލޯ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައިވެސް، ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ސިފައިން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތްތަކެއް.''
ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެއީ އިންސާނުންގެ ފުރާނަޔާ ގުޅިފައި ހުރި، ވަރަށް މުހިންމު އިންސާނީ ޚިދުމަތްތަކެއް ކަމަށެވެ.
''މިފަދަ ކޮންމެ ކަމަކަށްވެސް ސިފައިން ނުކުންނަނީ، ތިމާގެ އަމިއްލަ ފުރާނައާއި ޢާއިލާއަށްވުރެ، ޢާންމު ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކުރުމަށް އިސްކަންދީގެން. މި މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ޢަސްކަރިއްޔާގެ ހުރިހާ ރޭންކުތަކެއްގެ އެންމެހައި ސިފައިންނަށް، ދިވެހި ރައްޔިތުންގެ ނަމުގަޔާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.''
ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ސަރުކާރުން އަބަދުވެސް މަސައްކަތް މިކުރަނީ، ޤައުމީ ޚިދުމަތުގެ ކޮންމެ ދާއިރާއަކީވެސް، ގިންތީގެ ތަފާތުކުރުމެއްނެތި، ޤައުމުގެ ކޮންމެ ފަރުދަކަށްވެސް، ކުރިއަށް ދިއުމުގެ ފުރުޞަތު ފަހިވެފައިވާ، އަދި ޒަމާނީ ފެންވަރަށް ތަރައްޤީވެފައިވާ ދާއިރާއަކަށް ހެދުމަށް ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ޢަސްކަރިއްޔާ ކުރިއަރުވައި ތަރައްޤީކުރުމުގައިވެސް، އެފަދަ ސިޔާސަތަށް ވަރަށް ބޮޑަށް އިސްކަން ދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!