ކާނަލް ރޭންކުގައި ތިއްބެވި ސިފައިންގެ ސީނިއަރ ހަތަރު އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ހަތަރު އޮފިސަރުންނަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވީ މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
މިގޮތުން މަގާމްގެ ކުރިއެރުން ލިބުނު އޮފިސަރުންނަކީ، ކާނަލް ރޭންކުގައި ތިއްބެވި ސީނިއަރ ހަތަރު އޮފިސަރުންކަމުގައިވާ މުޙައްމަދު ޝަރީފްއާއި، އިސްމާޢީލް ޝަރީފްއާއި، ޢަބްދުﷲ ޒުހުރީ އަދި ޢަބްދުލް މަތީން އަޙްމަދެވެ.
މި އޮފިސަރުންނަށް ބްރިގޭޑިއަރ ޖެނެރަލް މަޤާމު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި ހަތަރު އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވައި ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި، ގިންތީގެ ތަފާތުކުރުމެއް ނެތި ޤައުމީ ޚިދުމަތުގެ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް ފަހިކޮށްދިނުމާއި، އެ ދާއިރާތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެލައްވާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!