ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް މާރިޗް މަހު ބާއްވަން ނިންމާ ހޯސްޓް ކުރާނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފި އެވެ.
ހދ.އަތޮޅު ކައުންސިލުން މިއަދު ކުރި އިޢުލާންނުގައި ބުނެފައިވަނީ، ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ އަންހެން އަދި ފިރިހެން ވޮލީ ބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރު މާރިޗު މަހު ކަމަށާއި މިމުބާރާތް ހޯސްޓުކޮށްދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާކަމަށެވެ.
މި ފުރުޞަތު ހުޅުވާލެވިފައިމިވަނީ، ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ.
ރަޖިސްޓްރީކުރުން އޮންނާނީ 25 ޖަނަވަރީ 2021 ފެށިގެން 02 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށެވެ. ހޯސްޓްކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މުއްދަތުގައި އެ އިދާރާގެ ކައުންޓަރުގައި ނުވަތަ ނަންބަރު 6521633 އާއި ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދޭކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ. އެގޮތުން އިޢުލާނާއި ގުޅިގެން ދެވޭ އެންމެހައި މަޢުލޫމާތުތައް ރަޖިސްޓްރީ ކުރެއްވުމުން އީ-މެއިލް މެދުވެރިކޮށް ލިބިލައްވާނެކަމަށް އެކައުންސިލުން ބުނެ އެވެ.
މަޢުލޫމާތު ސެޝަން 28 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގެ މާލަމްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 03 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މާލަމުގައިކަމަށް އެކައުންސިލުން ބުނެއެވެ.
ކޯވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު މިމުބާރާތް ބާއްވާފައެއް ނުވެއެވެ. 2019 ވަނަ އަހަރު އެކައުންސިލުން ބޭއްވި މުބާރާތް އިންތިޒާމްކޮށްފައިވަނީ ކުޅުދުއްފުށީގެ ޑަބްލިޔު ސްޕޯޓްސް އެކެޑަމީއިންނެވެ. އެ މުބާރާތުގެ ފިރިހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ، ކުޅުދުއްފުށީ އީޑީ، ޓީމް ނޮޅިވަރަމް، ވިޔެސް އަދި ޓީމް ފިނެއެވެ.
އަންހެން ޑިވިޜަންގައި ހަ ޓީމު ބައިވެރިވެފައިވާއިރު، އެއީ ކުމުންދޫ އެސްސީ، ނޮޅިވަރަންފަރު އެސްސީ، ޓީމް ކުޅުދުއްފުށި ނޮޅިވަރަމު ޒީޖީ، ނައިވާދޫ ޓީއެސްސީ އަދި ޓީމް ހަނިމާދޫއެވެ. އަންހެން އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ޓީމް ކުޅުދުއްފުށިންނެވެ.
އެމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޜަންގެ ޗެމްޕިއަން ޓީމަށް ދިހަހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް ހަތްހާސް ރުފިޔާގެ އިނާމެއް ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!