އިނގިރޭސި އެފްއޭ ކަޕްގެ ހަތަރުވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗު ޔުނައިޓެޑް ކާމިޔާބުކޮށް މުބާރާތުގެ ފަސްވަނަ ބުރަށް އެ ޓީމް ދަތުރު ކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

Ad
rt

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ލިވަޕޫލުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ފިރްމީނޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ލިވަޕޫލުގެ މިސްރު ފޯވާޑް މުޙައްމަދު ޞަލާހްއެވެ. ލިވަޕޫލުން ލަނޑުޖެހިތާ އަށް މިނެޓް ފަހުން ޔުނައިޓެޑުންވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަސްފޯޑް ތަނަވަސް ކޮސްދިން ފުރުޞަތެއްގައި އެ ޓީމްގެ އިނގިރޭސި ޒުވާން ފޯވާޑް ގްރީންވުޑްއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ރަސްފޯޑް ވަނީ ލަނޑުޖަހައި ފުރަތަމަ ފަހަރަށް މެޗުގައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. ރަސްފޯޑް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ގްރީންވުޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައެވެ. ނަމަވެސް އޭގެ ދިހަ މިނެޓް ފަހުން ޔުނައިޓެޑްގެ ޑިފެންސްގެ ތެރެއިން ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލުން ވަނީ ލަނދު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރި ޞަލާހްއެވެ.

މެޗުން ޔުނައިޓެޑް މޮޅުކޮށްދިނީ 66 ވަނަ މިނެޓުގައި ވެން ޑަ ބީކްގެ ބަދަލުގައި ކުޅެންނުކުތް، ބުރޫނޯ ފެނާންޑޭޒް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑު މެޗުގެ 78 ވަނ މިނެޓުގައި ފެނާންޑޭޒް ކާމިޔާބު ކޮށްފައިވަނީ ލިވަޕޫލްގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

ފަސްވަނަ ބުރުގައި ޔުނައިޓެދް ބައްދަލުކުރަން ޖެހޭނީ ހަތަރުވަނަ ބުރުގައި ތިންވަނަ ޑިވިޝަނުގެ ޑޮންކާސްޓާ އަތުން 4-0 އިން މޮޅުވި ވެސްޓްހަމް އާއެވެ. ޗެލްސީ ވަނީ ދެވަނަ ޑިވިޝަނުގެ ލޫޓަން ޓައުން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ޗެލްސީ ފަސްވަނަ ބުރުގައި ބައްދަލު ކުރަން ޖެހޭނީ ދެވަނަ ޑިވިޝަނުގެ ބާންސްލޭއާއެވެ.