ޅ. އަތޮޅުގައި އޮންނަ ފުށިފަރު ރިސޯޓުން ޖެޓްސްކީއެއްގައި ފުރި ދެ މީހަކު ގެއްލިގެން ހޯދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހުން ފެނުނީ މިރޭ 20:42 ހާއިރު، ޅ. އަތޮޅު ކުރެއްދޫ ރިސޯޓު ކައިރިން، އެ ރިސޯޓުގެ ލޯންޗަކަށް ކަމަށެވެ.

Ad
rt

އެ ދެ މީހުން ފެނުނީ ޖެޓްސްކީގެ އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށް ކަމަށާއި، އެ ދެމީހުންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އެ ދެމީހުން ވެސް މިހާރު ވަނީ ކުރެއްދޫ ރިސޯޓަށް ގެންދެވިފައި ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ،

އެ ދެމީހުންނަކީ ފުށިފަރު ރިސޯޓުގެ މުވައްޒަފުން ނެވެ. އަދި އެއީ އެ ރިސޯޓުގެ އަންހެން މުވައްޒަފަކާއި، ފިރިހެން މުވައްޒަފެކެވެ. އެ އަންހެން މުވައްޒަފުގެ އުމުރަކީ 29 އަހަރެވެ. ފިރިހެން މުވައްޒަފުގެ އުމުރަކީ 24 އަހަރެވެ.

އެ ދެމީހުން ޖެޓްސްކީގައި ފުރީ މަޖާކޮށްލުމަށް ދުއްވާލުމަށެވެ. އެ ދެމީހުން ވެސް ފުރީ ލައިފް ޖެކެޓް ވެސް އަޅައިގެންނެވެ. އަދި އެ މީހުން އެ ރިސޯޓުން ފުރާފައި ވަނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، 17:45 ހާއިރު އެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 19:04 ހާއިރު ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.