ހދ. ނެއްލައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.

ނެއްލައިދޫ ކައުންސިލުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ ފަސް މީހުންނަކީ ވެސް އެއް ޢާއިލާއަކަށް ނިސްބަތްވާ ފަސް މީހުން ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.

Ad
rt

އެމީހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމީހުންގެ ހޯމް ކަރަންޓީނު މުއްދަތު 14 ދުވަސް އިތުރު ކުރެވިފައިވާ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

''މިރަށު “ބީޗްވިލާ” ގޭގައި ހޯމް ކަރަންޓީނުގައި ތިބި 05 ބޭފުޅުން މިއަދު ނެގި ސާންޕަލް ކޯވިޑް19 އަށް ފައްސިވުމާއި ގުޅިގެން ހޯމް ކަރަންޓީނު މުއްދަތު 14 ދުވަސް އިތުރު ކުރެވިފައިވާ ވާހަކަ މައުލޫމަތައްޓަކައި ދަންނަވަމެވެ.''

ނެއްލައިދޫ ކައުންސިލުން ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން ހުރިހާ ރައްޔިތުންވެސް މާސްކް ބޭނުންކުރުމާއި ގައިދުރުކަން އިސްކުރެއްވުމަށް ވެސް އިލްތިމާސް ކުރަށްވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނެއްލައިދޫން ކޯވިޑަށް ޕޮޒިޓިވްވީ އިންޑިއާއަށް ބޭސް ފަރުވާއަކަށް ދިޔުމަށްފަހު އެނބުރި އެ ރަށަށްގޮސް، ހޯމް ކަރަންޓީނުގައި ތިބި ބައެކެވެ. އެމީހުން ކޯވީޑްއަށް ޕޮޒިޓިވްކަން އެނގުނީ، ކަރަންޓީނު މުއްދަތު ހަމަކުރުމަށްފަހު ނެގި ރިލީޒް ސާމްޕަލުންނެވެ. އެމީހުންނަކީ ހޯމްކަރަންޓީނުގައި ތިބިބައެއް ކަމަށްވުމުން، އެމީހުންނާއި އިތުރު މީހަކާއި ބައްދަލުވެފައެއް ނުވެއެވެ.

ހދ. ނެއްލައިދޫގައި ހޯމް ކަރަންޓީނުގައި ތިބި ފަސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވްވެފައިވާއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނީ، އިއްޔެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން 14،830 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވީ 50 މީހުންނެވެ. އަދި 13،731 މީހުން ވަނީ އެ ބަލިން ރަނގަޅުވެފައެވެ.