ހއ. އަތޮޅު ހޮސްޕިޓަލުން ދޭ އެކްސްރޭގެ ހިދުމަތް މެދު ނުކެނޑި ކުރިއަށް ގެންދިޔުމަށް އިތުރު އެކްސްރޭ މެޝިނެއް އެ ހޮސްޕިޓަލަށް ފޮނުވައިފިއެވެ.

ހެލްތު މިނިސްޓްރީއިން، ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލަށް އާ ޕޯޓެބަލް އެކްސްރޭ މެޝިނެއް ފޮނުވާފައި ވަނީ އިއްޔެއެވެ.

Ad
rt

ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަޝްރަފް ''ތިލަދުން''އަށް ވިދާޅުވީ، އަލަށް އެ ހޮސްޕިޓަލަށް ލިބުނު އެކްސްރޭ މެޝިންގެ ސަބަބުން އެ ހޮސްޕިޓަލުން އެކްސްރޭ ނަގަންޖެހޭ ބަލި މީހުންނަށް އެ ހިދުމަތް މެދު ނުކެނޑި ލިބޭނެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށެވެ.

''މިހާރު މިކޮޅުގައި ހުރި އެކްސްރޭ މެޝިންއަށް ވަނީ މިވަގުތު މައްސަލައެއް ދިމާވެފައި، އެކަމަކު އެ މެޝިންގެ ބަދަލުގައި ވެސް އާ މެޝިނެއް މި ހޮސްޕިޓަލަށް ފޯރުކޮށްދެއްވާ ގޮތަށް އޮތީ، އެކަން ވެސް އެބަ ކުރިއަށްދޭ، އިއްޔެ ގެނެވުނު މެޝިންގެ އެހީގައި އެމަޖެންސީކޮށް ނަގަންޖެހޭ އެކްސްރޭތައް ނެގޭނެ''

އަޝްރަފް ވިދާޅުވިއެވެ.

އަޝްރަފް ވިދާޅުވީ، އެ މެޝިން އިންސްޓޯލް ކުރުމަށް މިއަދު ހަވީރު އެ ރަށަށް އެސްޓީއޯގެ ކަމާބެހޭ މުވައްޒަފެއް ދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިރޭ އެމަސައްކަތް ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޝްރަފް ފާހަގަކުރެއްވި ގޮތުގައި އެ ހޮސްޕިޓަލުން ކަށީގެ ޑަކްޓަރެއްގެ ހިދުމަތް ދެމުން ދިޔުމާއިއެކު، އެކްސްރޭގެ ހިދުމަތަކީ އެ ހޮސްޕިޓަލަށް ބާރު ބޮޑު، މުހިންމު ހިދުމަތެކެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ ކަށީގެ ޑަކްޓަރަށް ދެއްކުމަށާއި، އަންހެނުންގެ ޑަކްޓަރަށް ދެއްކުމަށް ހއ. އަތޮޅުގެ ރަށްތައް ފިޔަވައި ހދ. އަތޮޅުގެ އުތުރު ބިތުގެ ރަށްތަކުން ވެސް ގިނަ ބަޔަކު ދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.