ނިމުނު 2020 ވަނަ އަހަރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ 101,362 މީހުން ހިދުމަތް ހޯދައިފިއެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ ކޭއާރުއެޗްގެ އޯޕީޑީއިން 2020 ވަނަ އަހަރު 101,362 މީހުން ހިދުމަތް ހޯދާފައިވާ ކަމަށެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ 184 ރަށަކަށް ނިސްބަތްވާ މީހުން ހިދުމަތް ހޯދާފައިވާ ކަމަށާއި، އަދި 23 ޤައުމަކަށް ނިސްބަތްވާ 1763 ބިދޭސީން ވެސް އެ ހޮސްޕިޓަލުން މިދިޔަ އަހަރު ހިދުމަތް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

އޭނާ ވިދާޅުވީ، 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ދިމާވި ކޮރޯނާ ވައިރަސްގެ ސަބަބުން ސިއްހީ ހިދުމަތްތެރީންނަށް އެ އަހަރު ވެގެން ދިޔައީ ބުރަ ބޮޑު އަހަރަކަށް ކަމަށެވެ.

''ފެބްރުވަރީ މަހު އެކުލަވާލެވުނު ކޯވިޑް ޓާސްކު ފޯސްގައި ހޮސްޕިޓަލުގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާއިރު، ކަރަންޓީނަށް މީހުން ލުމާއި ނެރުމުގެ އިތުރުން ސާމްޕަލް ނެގުމާއި، ޓެސްޓް ކުރުމުގައި ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި، މީގެ އިތުރުން ލޮކްޑައުންއާއި ގުޅިގެން ހޮސްޕިޓަލަށް މުޅި ރާއްޖެއިން މީހުން ހިދުމަތް ހޯދަން އަައިސްފައިވާއިރު ހޮސްޕިޓަލުގެ ކްލިނިކަލް އޭރިޔާ ވެސް ވަނީ އިތުރަށް ބާރުބޮޑުވެގެން ގޮސްފައި''

ދާއޫދު ވިދާޅުވިއެވެ.

ދާއޫދު ވަނީ ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ފާހަގަކުރަށްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރަށްވާފައެވެ.

''އަދި ފާއިތުވެދިޔަ އަހަރު ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި ހޮސްޕިޓަލުގެ މުވައްޒަފުން ކޮށްފައިވާ މިންނެތް މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަން''

ދާއޫދު އިތުރަށް ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ، އުއްމީދަކީ މި ސަރުކާރުން ގެންގުޅުއްވާ ލާމަރުކަޒީ ކުރުމުގެ ސިޔާސަތުގެ ދަށުން އެ ސަރަހައްދުގެ ސިއްހީ ނިޒާމު އިތުރަށް ފުރިހަމަކޮށް ހަރުދަނާ ކުރުމަށްޓަކައި ކުޅުދުއްފުށީގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ފުރިހަމަަކޮށް، އަވަސް މުސްތަޤުބަލެއްގައި ރައްޔިތުންނަށް އެކަމުގެ ފޮނި މީރުކަން ލިބޭނޭ ގޮތް ވެގެން ދިއުން ކަމަށެވެ. އަދި 2021 ވަނަ އަހަރަކީ ވެސް ކާމިޔާބު އަހަރެއް ކަމުގައި ވެގެން ދިޔުން ކަމަށެވެ.

ކޭއާރުއެޗުގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު:

  • އޯޕީޑީން ހިދުމަތް ހޯދި ޖުމްލަ މީހުން: 101,362
  • ކުޅުދުއްފުށީ ސިޓީން ހިދުމަތް ހޯދި ޖުމްލަ މީހުން: 51،382
  • ހދ. އަތޮޅުގެ އެހެނިހެން ރަށްރަށުން ހިދުމަތް ހޯދި ޖުމްލަ މީހުން: 23،155
  • ހއ. އަތޮޅުގެ ރަށްރަށުން ހިދުމަތް ހޯދި ޖުމްލަ މީހުން: 9002
  • ށ. އަތޮޅުގެ ރަށްރަށުން ހިދުމަތް ހޯދި ޖުމްލަ މީހުން: 8285
  • މިދިޔަ އަހަރު އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންގެ ޢަދަދު: 2565
  • އެމާޖެންސީ ވާރޑްގައި ފަރުވާދީން މީހުންގެ ޢަދަދު: 6955
  • މިދިޔަ އަހަރު ކޭއާރުއެޗްގައި ވިހޭ މީހުންގެ ޢަދަދު: 450
  • އޮބްސްޓެެޓްރިކް އަދި ގައިނީ ވާރޑްގައި އެޑްމިޓްކޮށްގެން ފަރުވާދިން މީހުންގެ ޢަދަދު: 1200
  • ބޭސް އަޅައި ރޫމްގައި ފަރުވާދިން މީހުންގެ ޢަދަދު: 8013
  • ކެއާރުއެޗްގެ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާދިން މީހުންގެ ޢަދަދު: 70

މާލޭގެ ހޮސްޕިޓަލްތައް ވިޔަވާ ކޭއާރު އެޗްއަކީ އެންމެ ގިނަބަޔަކު ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްގައި ގިނަ ބަލިތަކަކަށް ޚާއްޞަ ޑަކްޓަރުން ތިއްބަވާއިރު، މިދިޔަ އަހަރު އެ ހޮސްޕިޓަލުން ވަނީ ކާމިޔާބު ބޮޑެތި އޮޕަރޭޝަންތަކެއް ވެސްކޮށް، ހިދުމަތުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ގެނެސްދީފައެވެ.

ކޯވިޑްގެ ސަބަބުން މާލެއަށް ދަތުރުކުރަން ކުރިމަތިވި ދަތިތަކުގެ ސަބަބުން މާލެއިން އުތުރުގެ ގިނަ ރަށްތަކެއްގެ ރައްޔިތުން ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދަމުންނެވެ.