ހދ. ކުޅުދުއްފުށި ސިޓީއިން ހދ. ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނެފައިވަނީ ހދ. ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ އެއަތޮޅު ހިރިމަރަދޫއަށް މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ.
މި އޮޕަރޭޝަނުގައި 18 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، ކުޅުދުއްފުށީ ބަނދަރުމަތިން އެމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެންވަނީ ނ. މިލަދޫން މަސްތުވާތަކެއްޗާއެކު 34 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ.
އެދެމީހުން ހައްޔަރުކޮށްފައިވަނީ ރަށުތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އެމީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ރަބަރު ޕެކެޓް ފެނުމާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެއެވެ.
މިމައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!