ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މުވައްޒަފުން ތެރެއިން ސިވިލް ސާވިސްގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން ނަން ނޯޓު ކުރުމަށް ހުޅުވާލައިފިއެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އޮފީހުން، އެ އެއާޕޯޓްގެ މުވައްޒަފުންނަށް މިއަދު ނެރުނު އެންގުމެއްގައި ބުނީ، ރީޖަނަލް އެއާޕޯޓް ކުންފުންޏަކަށް ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާތީ، ސިވިލް ސާވިސް މުވައްޒަފުން ގޮތުގައި ދެމި ތިބުމަށް ބޭނުންވާ މުވައްޒަފުން އެ އޮފީހަށް ގޮސް ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު މިހާތަނަށް ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސްގެ ދަށުންނެވެ. ރީޖަނަލް އެއާޕޯޓަކީ އެ އިދާރާ ކުންފުންޏަކަށް ބަދަލު ކުރުމުގެ ކުރިން، ޓްރާންސް ޕޯޓް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާއެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިވަގުތު 105 މުވައްޒަފުން، ސިވިލްސާވިސް މުވައްޒަފުންގެ ގޮތުގައި އެބަތިއްބެވެ.
ރާއްޖޭގެ ބައެއް ސަރަޙައްދީ އެއާޕޯޓުތައް ހިންގަމުން އަންނަ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކަށް ބަދަލުވެގެން ދާއިރު، އެ އެއާޕޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ރީޖަނަލް އެއާޕޯޓްސްތައް ހިންގަން އުފެއްދި ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އަށް ބަދަލުވުމުގެ ފުރުޞަތު ދެވޭނެ ކަމަށް، ރީޖަނަލް އެއަރޕޯޓްސް ކޯޕަރޭޓައިޒްކުރުމާއި ގުޅޭ ކޯޕަރަޓައިޒޭޝަން ޗާޓަރގައި ވަނީ ބުނެފައެވެ.
މިގޮތުން އެ ޗާޓަރގައި ބުނެފައި ވަނީ ރީޖަނަލް އެއަރޕޯޓްސް ކޯޕަރަޓައިޒްކުރެވި އަދި ރީޖަނަލް އެއަރޕޯޓްސްގެ ދަށުން މަސައްކަތް ކުރަމުން ގެންދިޔަ އެންމެހައި މުވައްޒަފުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވަޒީފާއަށް ބަދަލުވުމުގެ ފުރުޞަތު ދެވިގެންދާނެ ކަމަށެވެ. އަދި މިގޮތުގެ މަތިން މުވައްޒަފުން ބަދަލުވުމުގެ މަރުހަލާގައި، ކޮންމެ މުވައްޒަފަކަށްވެސް ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން، އެފަރާތުން ރީޖަނަލް އެއަރޕޯޓްސްގެ އިދާރާގައި އަދާކުރި ވަޒީފާގެ ބަދަލުގައި އައު ވަޒީފާގެ އެއްބަސްވުމެށް ހުށަހެޅޭނެ ކަމަށެވެ.
ނަމަވެސް، އެފަދަ އެއްބަސްވުމެއްގެ ދަށުން ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި މަސައްކަތްކުރަން ބޭނުން ނުވާ މުވައްޒަފުންނަށް އެފުރުޞަތު ދޫކޮށްލުމުގެ އިޙްތިޔާރު ލިބިގެންވާކަމަށާއި، އަދި ރީޖަނަލް އެރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ބަދަލުވާ އެންމެހައި މުވައްޒަފުން ބެލޭނީ އަލަށް ވަޒީފާއާ ގުޅޭ މުވައްޒަފުންގެ ގޮތުގައިކަމަށް އެ ޗާޓަރގައި ބުނެފައި ވެއެވެ.
އާރްއޭސީއަކީ ސަރުކާރުން ހިންގާ ސަރަހައްދީ އެއާރޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް އުފެއްދެވި ކުންފުންޏެކެވެ.
ރައީސުލް ޖުމްޙޫރިއްޔާ މި ކުންފުނި އުފެއްދެވީ 30 ސެޕްޓެމްބަރު 2020 ގައެވެ.
ހަނިމާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހުޅުވީ، ކުރީގެ ރައީސް މައުމޫން އަބުދުއްޤައްޔޫމްގެ ވެރިކަމުގައި 28 އޮކްޓޯބަރު 1990 ގައެވެ. އޭގެފަހުން އެ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ 2 ފެބްރުއަރީ 2013 ގައި ރައީސް ވަޙީދުގެ ވެރިކަމުގައެވެ.
ކޯވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރ ބަންދު ކުރުމާއި ހަމައަށް އެ އެއާޕޯޓަށް އިންޑިއާގެ ޓްރެވެންޑްރަމާއި އަދި ކޮޗިންނަށް ދިޔައީ ބައިނަލްއަގްވާމީ ދަތުރުތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!